ޕާކިސްތާނުގެ އަންހެން ޓީވީ ޕްރެެޒެންޓަރު ޝާހީނާ ޝާހިން މަރާލައިފި އެވެ.

ޕާކިސްތާނުގެ ދައުލަތުގެ ޗެނަލް ޕީޓީވީގައި މަސައްކަތް ކުރާ ޝާހީނާގެ ގަޔަށް ބަޑިޖަހާ މަރާލައިފައި ވަނީ ބަލޯޗިސްތާން ޕްރޮވިންސްގަ އެވެ. އޭނާ މަރާލައިފައި ވަނީ ބަލޯޗިސްތާނުގެ ތުރުބަތުގައ ހުންނަ އޭނާގެ ގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޝާހީނާގެ އާއިލާއިން ތުހުމަތުކުރާގޮތުގައި އޭނާގެ މަރުގެ ފަހަތުގައި ޝާހީނާގެ ފިރިމީހާގެ އަތެއްވެ އެވެ.

ޝާހީނާ ކައިވެނިކޮށްފައި ވަނީ މީގެ ހަ މަސްކުރިންނެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހީނާ ހޮސްޕިޓަލަށް ގެންދިޔައީ ދެ ފިރިހެނުންނެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެމީހުން ފިލީ އެވެ. އޭގެ ތެރެއިން އެކަކީ ޝާހީނާގެ ފިރިމީހާ ނަވާބްޒާދާ މަހްރަބް އެެވެ.

އެ މައްސަލަ ތަހުގީގްކުރާ އިންވެސްޓިގޭޓިވް އޮފިސަރު ސިރާޖު އަހުމަދު ވިދާޅުވީ ޝާހީނާގެ ފިރިމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރު ޕާކިސްތާނުގެ ލާހޯރުގައި ފިރިހެނަކު ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އޭނާގެ އަންހެނުން މަރާލައިފަ އެވެ.

ޕާކިސްތާނަކީ ނޫސްވެރިންނަށް ވަރަށް ނުރައްކާތެރި ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ރިޕޯޓާސް ވިތުއައުޓް ބޯޑާސްއިން ދުނިޔޭގެ 180 ގައުމުތަކުގެ ތެރެއިން ޕާކިސްތާނު ރޭންކުކޮށްފައިވަނީ 145 ވަނައިގައެވެ.- އަލްޖަޒީރާ-