06 Sep 2020, 22:03
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 98 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާންކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޕޮޒިޓިވްވި 98 މީހުންގެ ތެރޭގައި ހިމެނެނީ، 72 ދިވެހިންނާއި 26 ބިދޭސީންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8584 އަށް ވަނީ އަރާފަ އެވެ. މިއަދު 114 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5936 އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 147 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.
މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 35 ރަށަކުންނާއި 22 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 19 ޓޫރިސްޓުންނާއި 47 މުވައްޒަފުންނެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.