14 Jan 2012, 11:28
މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީގެ ކެރިޔަރު ނިންމާލަން ބޭނުންވަނީ އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ކުޅުމަށް ފަހުގައި ކަމަށް ރޫނީ ބުނެފި އެވެ.
މިމަހުގެ ޓްރާންސްފާ ޕީރިއަޑުގައި ރޫނީ އެހެން ކުލަބަކަށް ކުޅުން ގާތް ކަމަށް ބުނެ ގިނަ މީޑިޔާ ރިޕޯޓްތަކެއް ވެސް ދާދި ފަހުން އާންމު ވެފައި ވެއެވެ. ނަމަވެސް ރޫނީ ވަނީ އެރިޕޯޓްތައް ދޮގުކޮށް މެންޔުނައިޓެޑް ހުންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ފާގަސަން އަކީ މޮޅު ކޯޗެއް. އަހަރެން މެންޔުނައިޓެޑާއި ގުޅުނީ ކުލަބުގެ ކޯޗުކަމުގައި ފާގަސަން ހުރީމަ. އަހަރެންގެ ކެރިޔަރު ނިންމާލަން ބޭނުމީ ފާގަސަންގެ ކޯޗުކަމުގެ ދަށުން ކުޅުމަށްފަހު. ފާގަސަން އަކީ ފުޓުބޯޅަ އެއް ގިނަ ޚިދުމަތްތަކެއް ކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮޅު ކޯޗެއް،" ރޫނީ ބުންޏެވެ.
ރޫނީގެ ފުޓުބޯޅަ ކެރިޔަރު ފެށީ އެވަޓަން އިންނެވެ. އެވަޓަންގެ ޒުވާން ޓީމަށް 1996 އިން 2002 ވަނަ އަހަރަށް ކުޅުމަށް ފަހު، ރޫނީ ދެން ފެނުނީ އެކުލަބުގެ ސީނިއާ ޓީމުންނެވެ. މެންޔުނައިޓެޑާއި ރޫނީ ގުޅުނީ 2004 ވަނަ އަހަރު އެވެ.