14 Jan 2012, 11:26
ޗެލްސީ އިން މިސީޒަނުގައި އެންމެ މަދުވެގެން ތައްޓެއް ހޯދަން ޖެހޭ ކަމަށް އެކުލަބުގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭސި ބުނެފި އެވެ.
ޗެލްސީ އަށް މިސީޒަނުގައި ކާމިޔާބީ ތަކަކާއި ނާކާމިޔާބީ ތަކެއް ވެސް ލިބިފައިވެ އެވެ. އެގޮތުން ޕްރެމިއާ ލީގުގައި ޗެލްސީ އިން ފެށީ ލީގުގެ އެންމެ ކުރީގައި އޮވެގެންނެވެ. ނަމަވެސް ލިބެމުންދިޔަ ނާކާމިޔާބީ ތަކަކާއި ގުޅިގެން އެޓީމު މިހާރު ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ޕްރެމިއާ ލީގު ލިބޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތް ނަމަވެސް އެޓީމަށް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.
"އާ ކޯޗެއްގެ ދަށުން ހުރިހާ ކުޅުންތެރިންނެއް ވެސް ދަނީ ބުރަކޮށް މަސައްކަތް ކުރަމުން. ލިބެން ހުރި ހުރިހާ ތައްޓެއް ހޯދަން ބޭނުމީ. އެންމެ މަދު ވެގެން އެއް ތަށި ޗެލްސީ އިން ހޯދަން ޖެހޭ. ނަމަވެސް އެކަމަށް ހުރިހާ ކުޅުންތެރިންނެއް އެކުގައި މަސައްކަތް ކުރަން ޖެހޭނެ. ކުރީގެ ކޯޗު އެންޗޮލެޓީ ބޮޑަށް ވިސްނީ ޑިފެންސަށް، ނަމަވެސް މިހާރުގެ ކޯޗު ވިޔަސް ބޮއަސް ބޭނުންވަނީ އެޓޭކިންގް ގޮތަކަށް ކުޅެން." ރަމިރޭސް ބުންޏެވެ.
މިސީޒަނުގައި ޗެލްސީ އަށް ލިބިފައިވާ ގިނަ ކާމިޔާބީ ތަކެއްގެ ފަހަތުގައި ރަމިރޭސް އެހީތެރިކަން ވެއެވެ. އެގޮތުން ރަމިރޭސް ވަނީ އެފްއޭ ކަޕުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ދެލަނޑު ކާމިޔާބު ކޮށްދީފަ އެވެ.