06 Sep 2020, 14:41
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސައިން މުހައްމަދު (ހުސެންބެ)ގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު ރެއެވެ.
ހުސެންބެގެ ހަނދާނުގައި މިއަދު ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައި ވާއިރު، މި ހަފްތާ ނިމެންދެން، ރަސްމީ ގަޑީގައި އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އާންމުންނަށް ވެސް އޮންނާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އީވާ އަންދުﷲ ވަނީ މިއަދު ވިދާޅުވެފައެވެ.
އީވާ ވަނީ ހުސެންބެ އާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެމްބަރުން އެ ދަފްތަރުގައި ސޮއިކޮށްދެވުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުސައިން މުހައްމަދުގެ ހަނދާނުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.
ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.
ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާއާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އެގޮތުން، އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން، ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން އަދި ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަން އަދި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމު އޭނާ އަދާކުރެއްވި އެވެ.
ހުސެއިން މުހައްމަދު ފާހަގަ ކުރެެއްވިފައި ވަނީ، ބޭރުގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވައި ކަވަރުކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 20 އަހަރު ވަންދެން، 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް ނޫސްވެރިކަން ކުރައްވައިފަ އެވެ. އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސްގަލަން އޭނާއަށް ވަނީ ލިބިލައްވައިފަ އެވެ.
މީގެ އިތުރުން ހުސެއިން މުހައްމަދު ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.
އޭނާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 2005 ވަނަ އަހަރުން ފެށިގެންނެވެ.