މޮސްކޯ (ސެޕްޓެމްބަރު 6): އިންޑިއާ އާއި ޗައިނާގެ ބޯޑަރުގެ މައްސަލަ އަނެއްކާވެސް ހޫނުވުމާ ގުޅިގެން ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ބައްދަލު ކުރައްވައިފި އެވެ.

މިދިޔަ ޖޫން މަހު އިންޑިއާގެ ލަދާކްގައި، ޗައިނާއާ ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމަށް ފަހު ބޭއްވި ފުރަތަމަ މަތީ ފަންތީގެ އެ ބައްދަލުވުމުގައި ދެ މިނިސްޓަރުން ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ދެ ގައުމުން ނުދެ އެވެ.

އިންޑިއާގެ މިނިސްޓަރު ރާޖުނަތު ސިންހު އާއި ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންހުއާ ބައްދަލު ކުރެއްވީ އެ ދެ ގައުމުގެ އިތުރުން ޕާކިސްތާން، ރަޝިއާ، ކަޒަކިސްތާން، ކިރުގިސްތާން، ތަޖިކިސްތާން އަދި އުޒްބަކިސްތާނުގެ ޑިފެންސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ޝަންހާއީ ކޯޕަރޭޝަން އޯގާނައިޒޭޝަން ބައްދަލުވުމުގެ ހަވާސާގަ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ދެ ގަޑި އިރާއި 20 މިނިޓަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ސިންހު ވަނީ ބޯޑަރު ސަރަހައްދުގެ "އަމާންކަމާއި ސަލާމަތީ ރައްކާތެރިން ދެމެހެއްޓުމަށް ދެ ފަރާތުގެ މެދުގައި އިތުބާރާއި، ހަމަޖެހުން އޮވެ، ސުލްހަވެރިކަމާއެކު ހިޔާލު ތަފާތުވުންތައް ހައްލުކޮށް، ބައިނަލްއަގުވާމީ ގަވާއިދުތަކަށް ބޯލަނބަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ ބައްދަލުވުމުގައި މިނިސްޓަރު ވެއި ވަނީ ދެ ގައުމުންވެސް ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް "މައްސަލަ ހޫނުވުމުގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާ އިން ކަމަށާއި ޗައިނާގެ ބިމުގެ އެންމެ އިންޗެއް ވެސް ދޫކޮށްނުލާނެ ކަމަށް" އެ މިނިސްޓްރީން ބުންޏެވެ.

ލަދާކްގެ ބޯޑަރު ސަރަހައްދުގައި މިދިޔަ ޖޫން މަހުގެ 15 އާއި 16އިގައި ޗައިނާ އާއި އިންޑިއާގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމުގައި އިންޑިއާގެ 20 ސިފައިން މަރުވި އެވެ. އަދި ޗައިނާގެ 45 ސިފައިން މަރުވި ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޗައިނާއިން އެކަން ޔަގީންކޮށްދީފައި ނުވެ އެވެ.

އޭގެ ފަހުން މިދިޔަ ހަފްތާގައި ދެ ގައުމުން ވަނީ އަނެއްކާވެސް ދެ ގައުމުގެ ސިފައިން ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސް ކުރި ކަމުގެ ތުހުމަތުކޮށްފަ އެވެ.

އިންޑިއާއާއި ޗައިނާގެ މެދުގައި އޮންނަ ބޯޑަރުގެ އިމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުންތައް އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި އޭގެ ސަބަބުން ބޯޑަރު ކައިރީގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ކުރިއަށް ގެންދެ އެވެ. ނަމަވެސް މިދިޔަ ޖޫން މަހަކީ 1975ގެ ފަހުން އެ ބޯޑަރުގައި ހިނގި ހަމަނުޖެހުމެއްގައި ސިފައިން މަރުވި ފުރަތަމަ ފަހަރެވެ.