14 Jan 2012, 11:24
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް ވުރެ ސަންޓޯސްގެ ބްރެޒިލް ފޯވާޑް ނޭމާ ކުރިއަރައިގެން ދާނެ ކަމަށް އެގައުމުގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.
މިސީޒަން ފެށުނީއްސުރެ، ވަރުގަދަ ގިނަ ކުލަބުތަކަކުން ނޭމާ ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ނޭމާ ދަނީ އެހުށަހެޅުންތައް ދޫކޮށްލަމުން ނެވެ. ނަމަވެސް ޔޫރަޕުގެ ވަރުގަދަ ކުލަބުތައް ކަމުގައިވާ ރެއާލް މެޑްރިޑާއި، ބާސެލޯނާ އާއި، މެންޗެސްޓާ ސިޓީ އަދި ޗެލްސީން ވެސް މަސައްކަތް ކުރަމުން ދެއެވެ.
މިދިޔަ އަހަރުގެ ފީފާ ބެލޮންޑޯ އެވޯޑަށް މެސީ އާއި އެކު ނޭމާގެ ނަން ވެސް ޝޯޓް ލިސްޓް ކުރެވިފައި ވެއެވެ. މެސީގެ ހުރިހާ ރެކޯޑަކާއި ހަމައަށް ވާސިލުވެ އެއަށްވުރެ ކުރިއަރައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަށް ނޭމާ ހޯދާނެ ކަމަށް ރޮނާލްޑޯ ގަބޫލުކުރެ އެވެ.
"ނޭމާ އަށް ހަމައެކަނި މެސީގެ ފެންވަރާއި ހަމައަށް ވާސިލުވެވޭނީކީ ނޫން. މެސީ އަށް ވުރެ ނޭމާ ކުރި އަރައިގެން ދާނެ. ނޭމާ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރި އެއް. ޔޫރަޕުގައި ނޭމާ ކުޅެންޖެހޭނެ. ނަމަވެސް ނަމަވެސް އެކި މީހުންގެ ޝައުގުވެރިކަން ހުންނާނީ އެކި ގޮތްގޮތަށް. ބައެއް ކުޅުންތެރިން ބޭނުންވާނީ އެކުޅުންތެރިއެއް ސަޕޯޓުކުރި ކުޅުންތެރިއަކާއި އެއްގޮތަށް ދާން،" ރޮނާލްޑޯ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ތިން ފަހަރަކު މެސީ ހޯދާފައިވާ އިރު، ރޮނާލްޑޯ އާއި ފްރާންސްގެ ކުރީގެ ތަރި ޒިދާން ވެސް ތިން ފަހަރު އެއެވޯޑު ކާމިޔާބު ކޮށްފައި ވެއެވެ. ނަމަވެސް މެސީ ވަނީ ޖެހިޖެހިގެން ތިން ފަހަރު މިއެވޯޑު ކާމިޔާބު ކޮށްފައެވެ.