06 Sep 2020, 12:23
ފޯމަށް ބަދަލު ގެނެސް ކޮވިޑް19 ގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް އެފަދަ ތަންތަނަށް މާލީ އެހީ ދޭން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
ގުުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީދިނުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިއާއެކު ސެޕްޓެމްބަރު 10ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުުރުކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ގުރުއާން ކްލާސްތަކަށް ޖުމްލަ ފަސް ލައްކަ ރުފިޔާ އަދި ޕްރީ ސްކޫލުތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
މި އުސޫލުގެ ދަށުން އެހީގެ ފައިސާ ދޭން ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރެޖިސްޓްރީ ކޮށްގެން ހިންގާގުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.
މީގެ އިތުރުން ޕްރީ ސްކޫލަކީ މިނިސްޓްރީގެ މީމިސްގައި ރަޖިސްޓްރީވެ، ދަރިވަރުންވެސް އެ ސިސްޓަމުގައި ރެޖިސްޓްރީކޮށްފައިވާ ސްކޫލަކަށް ވާންޖެޖޭނެ ކަމަށާއި ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެ، 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ޕްރީސްކޫލަކަށް ވާންޖެހޭނެ ކަމަށް އުސޫލު ބުނެ އެވެ.
އުސޫލުގައި ބުނީ ފައިސާ ދިނުމުގައި، ދައިސާ ދޭންޖެހޭ ދަރިވަރުން ކަށަވަރު ކުރާނީ މީމިސް ސިސްޓަމުގެ ތެރެއިން ކަމަށެވެ.
މި އެހީއަށް އެދި ހުށަހަޅާ ގުުރުއާން ކްލާހަކީ 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ގުރުއާން ކްލާހުން އެހީ ހޯދުމަށް ފޯމު ހުށަހަޅާއިރު، ރަށުކައުންސިލުން، އެ ކްލާހަށް ހާޒިރުވާ ދަރިވަރުންގެ މައުލޫމާތުއެކުލެވޭ ލިސްޓެއް ކައުންސިލްގެ ތައްގަނޑު ޖަހައި ކައުންސިލްގެ ރައީސްގެ ސޮޔާޢެކު ފޮނުވަންޖެހެއެވެ.
މިނިސްޓްރީ އިން ބުނީ މި އެހީއަކީ ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމަށް ހަރަދުކުރެވޭ ފައިސާ އަށް ވާންވާނެ ކަމަށެވެ.
މި ފައިސާގެ އެހީދިނުމުގައި މާކްސްދޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅައިފައެވެ.