06 Sep 2020, 10:42
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ)ގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ހުސެންބެގެ އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ތިން ވަނަ ދުވަހު ރެއެވެ.
ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.
ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އެގޮތުން، އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން، ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން އަދި ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަން އަދި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމު އޭނާ އަދާކުރެއްވި އެވެ.
ހުސެއިން މުހައްމަދު ފާހަގަ ކުރެެއްވިފައި ވަނީ، ބޭރުގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވައި ކަވަރުކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 20 އަހަރު ވަންދެން، 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް ނޫސްވެރިކަން ކުރައްވައިފަ އެވެ. އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސްގަލަން އޭނާއަށް ވަނީ ލިބިލައްވައިފަ އެވެ.
މީގެ އިތުރުން ހުސެއިން މުހައްމަދު ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.
އޭނާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 2005 ވަނަ އަހަރުން ފެށިގެންނެވެ.
އީވާ ވިދާޅުވީ ހުސެންބެގެ ހަނދާނުގައި މިއަދު މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާނެ ކަމަށެވެ. އަދި މި ހަފްތާ ނިމެންދެން، ރަސްމީ ގަޑީގައި އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އާންމުންނަށް ވެސް އޮންނާނެ ކަމަށެވެ.
"އަދި ހުސެންބެ އާއެކީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ކުރީގެ އިއްޒަތްތެރި މެމްބަރުންނަށް ހާއްސަކޮށް ދައުވަތު އަރުވަން، ވަޑައިގެން ފޮތުގައި އެއްޗެއް ލިޔުއްވުމަށް،" އީވާ ވިދާޅުވި އެވެ.