06 Sep 2020, 09:36
ޑާކާ (ސެޕްޓެމްބަރު 6) : ބަންގްލަދޭޝްގައި ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 17 އަށް އަރައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ޑާކާގެ ކައިރިގައިވާ ނަރަޔަންގަންޖު ސަރަހައްދުގެ މިސްކިތެއްގަ އެވެ. މި ހާދިސާގައި މަރުވެ އަދި ޒަޚަމްވެފައިވަނީވެސް އެވަގުތު އެމިސްކިތުގައި ތިބި މީހުންނެވެ. ގޭސް ހޮޅި ގޮވި ވަގުތަކީ ނާމާދަށްފަހު ބައެއްމީހުން މިސްކިތުން ފައިބަމުންދިޔަ ވަގުތެވެ. އޭރެ އެއްބަޔަކު މިސްކަތުގައި ތިބިކަމަށްވެ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ މިސްކިތުގައި ތިބި މީހުންނެވެ. އެމީހުންގެ ހަށިތައްވަނީ ކާކުކަން ނޭންގޭ ވަރަށް އަނދައިފަ އެވެ.
މި ހާދިސާގައި 37 މީހުން ފިހިފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުގެ 80 ޕަސެންޓް ވަނީ ފިހިފައި ކަމަށް ބަންގްލަދޭޝްގެ މަސްއޫލުވެރިން ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ފުލުހުން މިހާދިސާގެ ތަހުގީގު ފަށާފައިވާ އިރު އެގައުމުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ލަފާކުރާ ގޮތުގައި ގޭސް ހޮޅި ގޮވިކަމަށް ބެލެވެނީ ލީކެއް ގެ ސަބަބުންނެވެ.
މިސްކިތުގައި އަލިފާންރޯވީ ގޭސް ލީކުވެ މިސްކިތުގެ ތެރޭގައި ގޭސް ޖަމާވެފައިވަނިކޮށް މިސްކިތުގެ އެއާކޯންތައް ޖެއްސުމުން އަލިފާން ކަންޏެއް ކަނޑައިގެން ގޮސް ގޭހުގައި އަލިފާން ހިފައިގެން ކަމަށް ބެލެވޭ ކަމަށް ބަންގްލަދޭޝްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ މަސްއޫލުވެރިން ލަފާކުރައްވަ އެވެ. މިސްކިތުގެ ތެރޭގައި އަލިފާން ހިފުމުން އެއާކޯންތައް ވެސް ވަނީ ގޮވާފަ އެވެ. ގޭސް ހޮޅި އަޅާފައިވަނީ މިސްކިތުގެ އިމާރާތުގެ ދަށުންކަމަށްވެ އެވެ.
މި ހާދިސާގައި ފިހުނު އެންމެންނަށްވެސް ފަރުވާދެމުން ގެންދަނީ ޑަކާގައި ހުންނަ ބަންގްލަދޭޝްގެ ދައުލަތުގެ ހޮސްޕިޓަލެއްކަމަށްވާ ބާން އެންޑް ޕްލާސްޓިކް ސާޖަރީ ހޮސްޕިޓަލުގަ އެވެ. މިއީ އަލިފާނުގެ ހާދިސާތަކުންނާއި ގޭސްފަދަ ކެމިކަލްތަކުގެ ސަބަބުން ގެއްލުން ލިބޭމީހުންނަށް ފަރުވާދިނުމަށް ޚާއްސަ ހޮސްޕިޓަލެކެވެ.
ގާތްގަނޑަކަށް 200 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ފަގީރު ގައުމެއް ކަމަށްވާ ބަންގްލަދޭޝް އަކީ އުމްރާނީ ތަރައްގީ (އިންފްރާސްޓްރަކްޗަރު) ވަރަށް ބަލިކަށި ގައުމެކެވެ. ބަންގްލަދޭޝްގައި އަހަރެއްގެ މައްޗަށް އަލިފާނުގެ އެތައްް ސަތޭކަ ހާދިސާތަކެއް ހިނގާއިރު އެ ހާދިސާތައް އެހާ ގިނަވަނީ ފަރުވާކުޑަ ކުރުމުމުގެ ސަބަބުންނާއި އިންފްރާސްޓްރަކްޗާ ބަލިކަށިވުމުގެ ސަބަބުންނާއި ސަލާމަތީ ފިޔަވަޅުތައް ދޯދިޔާ ވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)