ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.

މިއަދު 14:00 ގައި އެ ޖަލްސާ ބާއްވަން ތާވަލު ކުރި ނަމަވެސް މަޖިލީހުގައި މިއަދު ކުރިއަށްދާ ކުރީ ދުވަހުގެ ޖަލްސާގެ ނުނިމިހުރި މަސައްކަތްތައް އަވަހަށް ނިމިއްޖެ ނަމަ ފަހު ޖަލްސާ އަވަސް ކޮށްލަން ވިސްނާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ. އަދި އަވަސް ކުރާނަމަ މެމްބަރުންނަށް އެކަން އަންގަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ދައުރުގެ ފަހު ޖަލްސާގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ ދެ މަގާމަށް މަޖިލީހުން މެންބަރުން ކަނޑައެޅުމާ ގުޅޭ
މައްސަލަ ވަނީ ތާވަލްކޮށްފައެވެ.

އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް
ނިންމިގޮތުގެ ރިޕޯޓު ވެސް ވަނީ އެޖެންޑާކޮށްފައެވެ.

ހަމައެއާއެކު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ މައުސޫމް އަށް ރުހުން ދިނުމާ ގުޅޭގޮތުން ސަރުކާރުގެ
މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް ފަހު ޖަލްސާގެ އެޖެންޑާގައިވެއެވެ.

މަޖިލިސް ގަވައިދުގާވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެހެން ނަމެވެސް މެމްބަރުން ބޭނުން ވެއްޖެ ނަމަ ދައުރު ދިގު ދެމުމާމެދު ގޮތެއް ނިންމުމުގެ ބާރު މެމްބަރުންނަށް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލީ ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ފުރަތަމަ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާ ފުރަތަމަ ކުރެއްވި ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެހެންވެ، ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް މިިދޔަ ބުދަ ދުވަހު އަލުން އެމައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލިއެވެ. އޭގެ ފަހުން ކޮމިޓީން ނިންމާފައި ވަނީ، އެ މައްސަލައިގައި އެއްވެސް ޝައްކެއް ނުބޭއްވުމުގެ ގޮތުން އޭނާ އަލުން ހުވާ ކުރުމަށް ރައީސް އޮފީހަށް ލަފާ ދިނުމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް ވޯޓަށް ނާހަނީސް އިއްޔެ މައުސޫމު ވަނީ އަލުން މަގާމުގެ ހުވާ ކުރައްވާފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުދަ ދުވަހުއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން، ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާ ކުރިއަށް ގެންދާއިރު، ގިނަ ބިލުތަކަކަށް ވޯޓަށް އަހަން ވަނީ އެޖެންޑާކޮށްފައެވެ.