ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހަދަން ވީ ވައުދު ފުއްދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

ހިސާން އިސްލާހު ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށެވެ. މިއަދު އިސްލާހު ހުށަހަޅުއްވަން ދިން ފުރުސަތުގައި ހިސާން ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

"މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ." ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހުރިހާ އިސްލާހުތަކާއެކު މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ. މުޅި ބިލު ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.