ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް ނެޓުވޯކަކީ ފޭސްބުކެވެ. ފޭސް ބުކުގެ ތެރެއަށް ވަދެ ގެއްލި ތިބެ ދުވާލަކު 8 ގަޑިއިރު ހޭދަ ކުރާ އެތައް ލައްކަ ބަޔަކު މިދުނިޔޭގައި އެބަ އުޅެއެވެ. ހަތްސަތޭކަ މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓުރީ ވެފައިވާ މަޝްހޫރު ފޭސްބުކުގެ ބާނީ މާރކު ޒުކަބާރކު އަބަދުވެސް ބުނަމުންދާ ވާހަކަ އަކީ އެތަކެއް ބިލިއަން ޑޮލަރު އެފަރާތަށް ފޭސްބުކުގެ ސަބަބުން ލިބުނު ނަމަވެސް އެއާއި އެކު ލިބޭ ނުތަނަވަސް ކަމާއި ބޮލުގެ ރިހުން ވެސް ވަރަށް ބޮޑުކަމަށެވެ. އަދި ލިބެމުންދާ އިތުރު ވަރަށް ގިނަ އުނދަގޫތައް ވެސް އެބަހުރިކަމަށް އެންމެ ޒުވާން އުމުރުގައި ބިލިއަނަރަށްވި މާރކު ޒުކަބާރކު ދަނީ ބުނަމުންނެވެ.

އިންޓަނެޓުގެ ވަރަށް ތަފާތު ޚަބަރުތައް ގެނެސްދޭ ވެބުސައިޓެއް ކަމަށްވާ ވީކުލީ ވޯލްޑު ނިއުސް ކިޔާ ސައިޓަކުން ބުނާ ގޮތުގައި އަންނަ އަހަރުގެ މާރޗު 15 އިން ފެށިގެން ފޭސްބުކު ހުއްޓާލާނެއެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް ފޭސްބުކުގައި ރަޖިސްޓުރީ އެއް ނުކުރެވޭނެވެ. އަދި އޭގެ އެއް އަހަރު ފަހުން މުޅިން ފޭސްބުކު ބަންދު ކުރާނެއެވެ. އެއް އަހަރުގެ މުއްދަތެއް ދިނުމަށް ޒުކަބާރކު ބޭނުންވާ ސަބަބަކީ ފޭސް ބުކަށް ދެވި ހިފާފައިވާ ފަރާތްތަކަށް އެކަމުން ދުރުވުމަށް މުހުލަތެއް ދިނުމެވެ. އެހެނަސް މި ޚަބަރާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މީ އަދި ހަޤީޤީ ޚަބަރެއް ނޫން ކަމަށެވެ.

މި ޚަބަރާއި ގުޅިގެން ތަފާތު ވާހަކަ ތައް ހުދު ފޭސްބުކު ތެރޭގައި ވެސް ދެކެވެމުންދާއިރު ފޭސްބުކު ބަންދު ކުރުމާއި ދެކޮޅަށް ދަނީ ޕެޓޝަނެއްގައި ސޮއިކުރަމުންނެވެ. އޮންލައިން ޕެޓިޝަން ހިންގާ ވެބުސައިޓެއް ކަމަށްވާ ޕެޓިޝަން އޮންލައިން ވެބުސައިޓުގައި ބުނެފައިވާ ގޮތުން ފޭސްބުކުގެ ތެރެއިން ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ލިބޭ ބޮޑު ފުރުސަތުގެ އިތުރުން ދުވަހެއްގެ ތެރޭގައި އެކަކު އަނެކަކާއި ކުރެވޭ ތަފާތު މުޢާމަލާތްތަކަށް ފޭސްބުކު ހުއްޓާލައިފި ނަމަ ވަރަށްބޮޑަށް ބުރޫ އަރާނެއެވެ. އެހެންކަމުން ފޭސްބުކު ހުއްޓާލުމަކީ ފޫނުބެއްދޭނެ ފަދަ ގެއްލުން ތަކެއް އެތައް މިލިއަން ބަޔަކަށް ލިބިގެން ހިނގައިދާނެ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.

މި ދިވެހިރާއްޖޭގައި ވެސް އެތައް ހާސްބަޔަކު ބޭނުން ކުރަމުންދާ ފޭސްބުކުގެ އަވާގައި ޖެހިފައިވާ އެތަކެއް ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް މިއަދު އިންޓަނެޓުގެ މައި ދޮރުއަށްޓަކީ ފޭސްބުކު ކަމުގައި ދިވެހިން މިވަނީ ބަލައިގަނެފައެވެ. ޒުވާނުން އެމީހުންގެ ދުވަހުގެ ހުރިހާ ކަމެއް ރާވަމުންގެންދަނީ ފޭސްބުކުގެ ތެރޭގައި ތިބެގެނެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއަށް އެދުވަހުގެ މޫޑު އަންގާލަދެނީ ފޭސްބުކުގައި ލިޔެލާ ސުޓޭޓަސް މެދުވެރިކޮށެވެ. ކޮފީއަށް ނުވަތަ ކެއުމަކަށް ދާނެ ގަޑި އަންގާލަދެނީ ފޭސްބުކު ޗެޓު މެދުވެރިކޮށެވެ. ރައްޓެހިންގެ ލިސްޓަށް ފޯރުކޮށްލަދޭ މެސެޖު އަމިއްލަ ވޯލްގައި ޕޯސްޓު ކޮށްލާ ކަމަށްވެއެވެ. ފޭސްބުކު ބޭނުންކުރުމަށް ފޯނާއި، ތަފާތު ޓެބުލެޓުތައް ބޭނުން ކުރަމުންދާއިރު، އާދައިގެ ޓޯޗުބައްތި ނޮކިޔާ ފޯނަކުން ފޮނުވާލެވޭ އެސް.އެމް.އެސް އަކުންވެސް ފޭސްބުކުގެ ހަރަކާތްތައް ކުރިއަށް ގެންދެވެއެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމާއި އެންމެ ބޮޑަށް ގުޅިޅާމެހިފައިވާ އެކައްޗަކީ ފޭސްބުކު ސޯޝަލްނެޓުވޯކު ކަމާއިމެދު ޝައްކެއް ކުރާނެ ބަޔަކު ނޫޅޭނެއެވެ. އެވެބު ސައިޓު ހުއްޓާލަފާނެ ކަމަށް ދެކެވޭ ވާހަކަތަކާއި މެދު ގިނަބަޔަކު ކަންބޮޑުވަނީ އެހެންވެއެވެ. އެހެނަސް އެ ވެބުސައިޓުގެ ނާޒާއިޒު ފައިދާ ނަގާ މީހުންގެ ސަބަބުން ފޭސްބުކު އުފެއްދި ބާނީ މާރކު ޒުކަބާރކުގެ ބޮލުގެ ރިހުން ދަނީ ހައްތަހާ ގަދަވަމުންނެވެ. ތަފާތު އެތަކެއް ވައިރަސްތަކެއް އިއްޔެ ވެސް ފޭސްބުކުގެ ތެރޭގައި ފެތުރެމުންދިޔަ އެވެ. ނިވާކަންކުޑަ ތަފާތު ފޮޓޯ ތަކެއް އެކިއެކި މީހުންގެ ވޯލްގައި އެކިއެކި ރައްޓެހިންގެ ނަމުގައި ޕޯސްޓު ކުރެވެމުންދިޔަ ނަމަވެސް ހަޤީޤަތަކީ އެއީ ހުސް ވައިރަސް އަށްވުމެވެ. ވަރަށްގާތް ރައްޓެހިން އެފަދަ ކަމެއް ނުކުރާނެ ކަން ޔަޤީން ވިޔަސް ފޭސްބުކުގެ ތެރޭގައި މިނޫން ވެސް އެތަކެއް ކަމެއްދަނީ ހިންގަމުންނެވެ. އެގޮތުން މީހުންގެ ވަރަށް ވެސް ޒާތީ ފޮޓޯތަކާއި ވީޑިއޯތައް އަބަދުވެސް ލީކުވެ ބޭޒާރުވަމުންދެއެވެ. އެހުރިހާ ކަމެއްގެ ހުތުރު ނަން ލިބޭ ފަރާތަކީ ފޭސްބުކު އުފެއްދި ފަރާތްކަމަށްވާ މާރކު ޒުކަބާރކެވެ.

އެހެންކަމުން ޒުވާން މި ހުނަރުވެރިޔާގެ ހަޤީޤީ ދިރިއުޅުން މިހާރު ވެގެން ގޮސްފައިވަނީ ހާސްކަމާއި ބޮލުގެ ރިހުންގިނަ ނުތަނަސްކަމުން ފުރިގެންވާ ދިރިއުޅުމަކަށް ކަމަށް ބުނެވެއެވެ. ޒުވާން އުމުރުގައި ލިބެމުންދާ ބިލިއަން ޑޮލަރަށް ހިތްހަމަ ޖެހުމެއް ނުގަނެވިގެން އުޅެނީ މަތީގައި ދެންނެވި ގިނަ ސަކުވާތަކެއް ކޮންމެ ދުވަހަކުވެސް ޒުކަބާރކު އާއި ހަމަ އަށް ފޯރާތީއެވެ. ކިތަންމެ ވަރަކަށް ފުރޭނިގެން މައްސަލަތައް އެންމެ މަތީ ފަންތިއަށް ގެންދިޔަ ނަމަވެސް އެ މައްސަލަތައް ހައްލުކުރަން ދޭންޖެހޭ ގިނަ ވަގުތާއި ހެދި ޒުވާން އުމުރުގައި އުޅެން ބޭނުންވާ ހިތްހަމަ ޖެހޭ ދިރިއުޅުމުން މަހުރޫމް ވެފައިވާ ކަމަށް ޒުކަބާރކުގެ ރައްޓެހިން ކައިރީ އަބަދުމެ ދަނީ ބުނަމުންޏެވެ. އެހެން ކަމުން ފޭސްބުކު އުފެއްދުމުގެ ކުރިން އުޅެމުން ދިޔަ މަޖާ އުފާވެރި ދިރިއުޅުން އަލުން ހޯދުމަށް ފޭސްބުކު ބަންދު ކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

އެހެނަސް ބިލިއަން ޑޮލަރު ލިބެމުންދާ މިބޮޑު ވިޔަފާރި ހަމަ ކުއްލި އަކަށް ހުއްޓާލަފާނެ ކަމާއި މެދު ގިނަބަޔަކު ދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ސަބަބަކީ ޒުކަބާރކު ފޭސް ބުކު ހިންގުމާއި ދުރުވެލިޔަސް ފޭސްބުކު ހިންގޭނެފަދަ އެތައްސަތޭކަ ބަޔަކު ތިބުމުނެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަމިއްލަ ދަރިން ބަލަން އެހެން މީހެއްގެ އަތަށް ދިނުމަކީ ގިބަ ބަޔަކު ހިތްހަމަ ޖެހޭ ކަމެއްނޫން ކަމެވެ.