ވޮޝިންޓަން (ސެޕްޓެމްބަރު 6) : ކޮވިޑް-19ގެ ވެކްސިން އަވަހަށް ނެރުމަށް އެމެރިކާ ސަރުކާރުގެ ސިޔާސީ ފަރާތްތަކުން ކުރިމަތިކުރާ ކަމަށް ބުނެވޭ ފިއްތުންތަކަށް ބޯނުލެބުމަށާއި އަދި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަށް ފުރިހަމައަށް ކަށަވަރު ކުރުމުގެ ކުރިން އެއްވެސް ވެކްސިންއެއް ނުނެރުމަށް ވެކްސިން އުފައްދާ އެމެރިކާގެ ކުންފުނިތަކުން ނިންމައިފި އެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެމެރިކާގެ ކުންފުނިތައް ކަމަށްވާ އަސްޓްރާ ޒެނިކާ، ފައިޒާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ އިސް ފަރާތްތަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނާ ގޮތުން މިކަން ހާމަކުރުމަށް ޓަކައި އެކުންފުނިތަކުން އަންނަ ހަފްތާގައި ގުޅިފައިވާ ބަޔާނެއް ނެރޭނެ އެވެ.

މި ބަޔާނުގެ ބޭނުމަކީ އެމެރިކާ ސަރުކާރުގެ ސިޔާސީ ފަރާތްތަކުގެ ފިއްތުންތަކަށް ދީލާލައިގެން ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަށް ކަށަވަރުނުކުރެވޭ ގޮތަށް އެކުންފުނިތަކުން ކޮވިޑް-19ގެ ވެކްސިން ބާޒާރަށް ނުނެރޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ އާންމު ރައްޔިތުންނަށް ދިނުމެވެ.

ނޮވެމްބަރު 3ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮޑުކުރުމަށް ޓަކައި އެތާރީޚުގެ ކުރިން ކޮވިޑް-19 ގެ ވެކްސިންއެއް އެމެރިކާގައި އުފައްދައި ބާޒާރަށް ނެރުމަށް ޓްރަމްޕްގެ ސަރުކާރުން ވެކްސިންއުފައްދާ އެމެރިކާގެ ކުންފުނިތަކަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތި ކުރަމުން ގެންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިފަދަ ފިއްތުންތަކެއް އޮތްކަން އެމެރިކާގެ ވެކްސިން އުފައްދާ ކުންފުނިތަކުން ސީދާ ގޮތެއްގައި ބުނެފައެއްނުވެ އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ޑައިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ދެދުވަސްކުރިން އެމެރިކާގެ ރައްޔިތުންނަށް ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ކަންތައް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ.

ރޮބަޓް ރެޑްފީލްޑް ވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ކޮވިޑް-19ގެ ވެކްސިން ރައްޔިތުންނަށް ދިނުމުގެ ކަންތައް އެމެރިކާގެ ހުރިހާ ސްޓޭޓްތަކެއްގައި ފެށުމަށް ވާންޖެހޭ އިދާރީ އަދި ލޮޖިސްޓިކް ތައްޔާރީތައް ވުމަށް އެދިވަޑައިގެން އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް ސިޓީއެއްވެސް ފޮނުއްވައިފަ އެވެ. ސީޑީސީ އަކީ އެމެރިކާގެ އާންމު ސިއްހަތާބެހޭ މުސްތަގިއްލު ފަންނީ އިދާރާއެއް ނަމަވެސް ރެޑްފީލްޑް މިސިޓީ ފޮނުއްވީ ވައިޓް ހައުސްގެ ފިއްތުންތަކާ ގުޅިގެންކަމަށް ބެލެވޭކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފަށަނީ އަންނަ ނޮވެމްބަރު 3ގައި ކަމަށްވެފައި ވޯޓުލާން ފެށުމުގެ އެންމެ ދެދުވަސް ކުރިން ކޮވިޑް-19ގެ ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ދޭން ފެށުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވުމަށް މަގުފަހި ކުރުމުގެ ގޮތުން އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އަށް ފިއްތުންތައް މެދުވެރިކޮށްގެން ޓްރަމްޕް ކުޅުއްވާ ސިޔާސީ ކުޅިއެއްކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލާގައި އެމެރިކާގެ އާންމުންގެ އިތުބާރު އެމެރިކާގެ ވެކްސިން އުފައްދާ ކުންފުނިތަކުން ނެރޭ ކޮވިޑް-19ގެ ވެކްސިން އަށް ގެއްލިދާނެކަމުގެ ބިރު އެކުންފުނިތަކުން އިހުސާސް ކުރާކަމަށް ވެ އެވެ.

ކޮވިޑް-19ގެ ވެކްސިން އަވަހަށް ނެރުމަށް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސީ ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކަށް ބޯނުލަނބާނެކަމާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަށް ފުރިހަމައަށް ކަށަވަރު ނުކުރެވެނީސް އެއްވެސް ވެކްސިންއެއް ބާޒާރަށް ނުނެރުމަށް ވެކްސިން އުފައްދާ އެމެރިކާގެ ކުންފުނިތަކުން ނިންމައި އެކަމާ ބެހޭ ބަޔާނެއް އަންނަ ހަފްތާގައި ނެރުމަށް ހަމަޖެއްސީވެސް އެމެރިކާ ރައްޔިތުންގެ އިތުބާރު ކޮވިޑް-19ގެ ވެކްސިންއަށް ގެއްލުނަ ނުދިނުމުގެ ބޭނުމުގައި ކަމަށް "ނިޔުޔޯކް ޓައިމްސް" ބުނެ އެވެ.

ކޮވިޑް-19ގެ އެތަށް ވެކްސިންއެއް އެމެރިކާގައި އުފެއްދުމުގެ މަސައްކަތްކުރާއިރު އޭގެ ތެރެއިން ދެ ވެކްސިންއެއްވަނީ ކްލިނިކަލް ތަޖްރިބާގެ އެންމެ ފަހުގެ މަރުޙަލާގަ އެވެ. އެދެ ވެކްސިން އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ރަޖިސްޓްރީކޮށް ލައިސަންސް ލިބި އަދި ވިޔަފާރި އުސޫލުން އުފައްދަން ފަށާނެކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. "ނިއުޔޯކްޓައިމްސް"ގެ މިޚަބަރާ ގުޅިގެން ކޮވިޑް-19 އަށް ވެކްސިން އުފައްދާ އެމެރިކާގެ ކުންފުނިތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)