ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާ ބަލިކުރުމުގެ ފެންވަރު ޖަރުމަނުގެ ބެޔާން މިއުނިކްގައި އެބަހުރި ކަމަށް އެކުލަބުގެ ގޯލުކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

"މިޓީމަކީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކާއި މެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ. މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް އަހަރެމެން ވާނީ މޮޅު ކުޅުމެއް ދައްކާފައި. އެކުޅުން ކުޅެމުންދާނަމަ، ރެއާލް މެޑްރިޑާއި ބާސާ ބަލިކުރަން އެއްވެސް ދައްޗެއް ނުވާނެ،" ނޯޔާ ބުންޏެވެ.

މިސީޒަނުގައި ޝާލްކޭ އިން ބެޔާން އަށް ބަދަލުވި ކީޕަރު ނޯޔާގެ އެންމެ ބޮޑު ލަނޑުދަނޑި އަކީ ފުރަތަމަ ފަހަރަށް ޖަރުމަން ލީގު ކާމިޔާބު ކުރުން ކަމަށް ނޯޔާ ބުނެފައި ވެއެވެ.

"މިސީޒަނުގައި އަހަރެން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ޖަރުމަން ލީގު ކާމިޔާބު ކުރުން. ނަމަވެސް ކުރިން މިކުލަބުގައި ހުރި އެހެން ކުޅުންތެރިން އެގޮތް ބޭނުންނުވެދާނެ. އެމީހުން ބޭނުންވާނީ އިތުރު ކާމިޔާބީތަކެއް ވެސް ހޯދަން. އަހަރެން ވެސް ބޭނުންވަނީ ވީހާވެސް ގިނަ ތައްޓެއް ކާމިޔާބު ކުރަން." ނޯޔާ ބުންޏެވެ.

ޖަރުމަން ލީގުގެ އެއްވަނާގައި ބެޔާން އޮތީ ކުޅުނު ސަތާރަ މެޗުން ލިބުނު 37 ޕޮއިންޓާއި އެކު އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބެޔާން ވާދަކުރަން ޖެހޭނީ އެފްސީ ބާސެލް އާއެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ ބެޔާންގެ އަމިއްލަ ދަނޑު ކަމަށްވާ އާލިއަންޒް އެރީނާގަ އެވެ.