ރާއްޖެއިން މިއަދު 125 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 112 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 106 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8486އަށް ވަނީ އަރާފަ އެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2629 އެވެ.

މިއަދު 180 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5822 އެވެ. އަދި 29 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 38 ރަށަކުން ކޮވިޑް19ގެ ކޭސްތައް ވަނީ ފެނިފަ އެވެ. އަދި 20 ރިސޯޓަކުން ވެސް ކޭސްތައް ފެނިފައިވާއިރު، އޭގެ ތެރޭގައި 45 މުވައްޒަފުންނާއި 17 ފަތުރުވެރިން ހިމެނެ އެވެ.