07 Sep 2020, 10:07
ޒުވާން އެކްޓަރު ވިކީ ކޯޝަލް އާއި 2017 ވަނަ އަހަރު ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.
މަނޫޝީ އާއި ވިކީ އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު ދެ އެކްޓަރުންނާއެކު ފިލްމުގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ އަންނަނީ ސްކްރިޕްޓް ކިޔުމުގެ މަސައްކަތްކުރަމުންނެވެ. އެކްޓަރު ވިކީ އާއެކު މަނޫޝީ ކުޅޭނީ ޔަޝްރާޖްގެ ފިލްމެއްކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ވިކީ އާއެކު މި ފިލްމު ކުޅެން މަނޫޝީ ހަމަޖެއްސީ ޔަޝްރާޖް ފިލްމްސްއާ ހަވާލުވެގެން ހުރި އަދިތްޔާ ޗޯޕްރާ އެވެ.
މުމްބާއީގައި ފިލްމުގެ މަންޒަރުތައް ޝޫޓްކުރާ މި ފިލްމު ރަސްމީކޮށް އިއުލާންކުރުން އޮންނާނީ މި މަހު 27 ވަނަ ދުވަހުއެވެ.
މަނޫޝީ ބޮލީވުޑަށް ތައާރަފްވާނީ އަކްޝޭ ކުމާރު އާއެކު ފިލްމު "ޕްރިތުވީރާޖް" އިންނެވެ.
މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ.