މާލޭގެ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކަށް ނަނގާ ފީ އަންނަ މަހުން ފެށިގެން 15 ޕަސެންޓް ބޮޑު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހުގެ ގެޒެޓްގައި އެ ކުންފުނިން ޝާއިއުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މާލޭ ވިޔަފާރިވެރި ބަނދަރުން ދޭ މައިގަނޑު ހިދުމަތްތަކަށް އަގު ނެގުމަށް މިހާރު ބޭނުންކުރާ ޓެރިފަކީ 1992 ވަނަ އަހަރު އެ ޓެރިފް ތައާރަފްކުރި ފަހުން މިއަދާ ހަމައަށް އެއްވެސް ބަދަލެއް ނުގެނެސް އަމަލުކުރަމުންދާ ޓެރިފެއް ކަމަށެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ބަނދަރުން ދޭ ހިދުމަތްތަކުގެ އަގު ބޮޑު ކުރުމަށް ނިންމީ ދުނިޔެ އާއި ރާއްޖޭގެ ބަޒާރުގައި ތަކެތީގެ އަގު ތަކަށާއި ބޭރު ފައިސާގެ އަގުތަކަށް އައި ބަދަލާ ގުޅިގެން ބަނދަރުން ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންގެންދާ ހަރަދުތައް އިތުރުވެފައި ވާތީ ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ ބަނދަރުން ދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"ބަނދަރުން ދެވޭ ހިދުމަތް އަވަސްކޮށް ފަސޭހަކުރުމުގެ ގޮތުން ބަނދަރުގެ ޖާގަ ތަނަވަސްކުރުމަށާއި ޒަމާނީ މެޝިނަރީސް އާއި އިކުއިޕްމަންޓްތައް ހޯދުމަށް މިކުންފުނިން ކުރާ ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުކުރަމުން،" ޕޯސްޓް ލިމިޓެޑުން ބުނެފައިވެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބަދަލާ ގުޅިގެން މައިގަނޑު ގޮތެއްގައި ބަނދަރުން ދޭ ހުރިހާ ހިދުމަތަކުން ވެސް 15 ޕަސެންޓް ބޮޑުވެގެންދާނެ ކަމަށެވެ.

ޕޯޓްސް ލިމިޓެޑުން ބުނީ މިބަދަލާ އެކު ފިއުލް ސާޗާޖްގެ ގޮތުގައި އެކުންފުނިން ނަގަމުންދާ ފައިސާ ނެގުން ހުއްޓާލާނެ ކަމަށެވެ.