05 Sep 2020, 15:31
ގދ. ހޯނޑެއްދޫއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށު ތެރޭގައި އެ ބަލި ފެތުރުމުގެ ބިރު ހީވެއްޖެ އެވެ.
ގދ. ހޯނޑެއްދޫއިން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ކޮވިޑް19އަށް ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ އެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައިސް ކުރިން ޕޮޒިޓިވްވެފައިވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 36 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން 19 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
އެގޮތުން ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރާއި ދެމެދުގެ އަށް ކުދިންގެ އިތުރުން 50 އަހަރުން ދަށުގެ ހަތް މީހުންގެ އިތުރުން 50 އަހަރުގެ މަތީގެ ދެ މީހުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
އެޗްއީއޯސީން ބުނީ މިއީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށާއި ނަމަވެސް މިއީ ކޮމިއުނިޓީ ސްޕްރެޑެއް ކަމުގައި އަދި ކަނޑައެޅުން ނޫން ކަމަށެވެ.
އަދި ހޯނޑެއްދޫގެ ކޭސްތަކާ ބެހޭ އިތުރު މައުލޫމާތު މިރޭ އޮންނަ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރަންސްގައި ހާމަކުރާނެކަމަށްވެސް އެ ސެންޓަރުން މައުލޫމާތު ދެއެވެ.