ވޮޝިންޓަން (ސެޕްޓެމްބަރު 5): އެމެރިކާ ބައިވެރިވި ހަނގުރާމަތަކުގައި މަރުވި އެމެރިކާ ސިފައިންނަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަލާމާތް ކުރެއްވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އެމެރިކާގެ އެޓްލާންޓިކް މެގަޒިން އިން އެންމެ ފުރަތަމަ ރިޕޯޓު ކުރި ގޮތުގައި 2018 ވަނަ އަހަރު ޓްރަމްޕް ފްރާންސަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ވެރިރަށް ޕެރިހުގެ ބޭރުގައި ހުރި އެމެރިކާގެ ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވަން ދެކޮޅު ހެއްދެވި އެވެ. އެއީ 1918 ވަނަ އަހަރު، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިފައިން ޕެރިހަށް އެރުން ހުއްޓުވުމަށް ފްރާންސާއި އެމެރިކާއާއި އިނގިރޭސި ސިފައިން ކުރި ހަނގުރާމައިގައި މަރުވި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ވަޅުލާފައިވާ ތަނެވެ.

އެޓްލާންޓިކްގައިވާ ގޮތުން ޓްރަމްޕް އެ ގަބުރުސްތާނަށް ވަޑައިގަންނަވަން ދެކޮޅު ހެއްދެވީ އެއީ "ހަނގުރާމައިން ބަލިވި މީހުން" ވަޅުލާފައިވާ ތަނެއް ކަމަށް ވިދާޅުވެ އެވެ. އަދި ފަހުންވެސް ޓްރަމްޕް ވަނީ އެ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންނަށް ރައްދު ކުރައްވާ އިހާނެތިކޮށް ވާހަކަ ދައްކަވާފަ އެވެ.

އެޓްލާންޓިކުން އެފަދައިން ރިޕޯޓުކޮށްފައި ވަނީ ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތްތަކާ ހަވާލާދީ އެވެ. ނަމަވެސް އެސޯސިއޭޓެޑް ޕްރެސްއިން ވަނީ އެޓްލާންޓިކުން ރިޕޯޓުކޮށްފައިވާ ގިނަ ވާހަކަތައް އެ ނޫހުންވެސް ކަށަވަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ޓްރަމްޕް އެންމެ ތާއިދު ކުރައްވާ ފޮކްސް ނޫހުގެ ނޫސްވެރިޔަކުވެސް ވަނީ އޭނާ އޭގެ ތެރެއިން ބައެއް ވާހަކަތައް ދެއްކެވިކަން އެނގިފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިއްޔެ ރައީސް ޓްރަމްޕް ވަނީ އެ ރިޕޯޓުތައް ދޮގު ކުރައްވާފަ އެވެ.

"އެފަދަ ވާހަކަތައް ދެއްކުން ވަރަށް ގޯސް. ހާއްސަކޮށް ގާތްގަނޑަކަށް އެހެން އެންމެންނަށް ވުރެ ބޮޑަށް އަޅުގަނޑު އަސްކަރިއްޔާއަށް ކަންތައްތައް ކޮށްދީފައިވާ އިރު،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި ވައިޓްހައުސްގެ ކުރީގެ ތަރުޖަމާނު ސާރާ ސޭންޑާސް ވަނީ ޓްރަމްޕް ދިފާއު ކުރައްވާފަ އެވެ. އަދި ޓްރަމްޕް ފްރާންސަށް ކުރެއްވި ދަތުރުގައި އެއްކޮށް ވަޑައިގެންނެވި ކަމަށާއި އޭނާ އެގޮތަށް ވާހަކަ ނުދައްކަވާ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.