04 Sep 2020, 22:14
މިއަދު ރާއްޖެއިން 80 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 159 މީހުން އެ ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އިއްޔެގެ 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ނަގާފައިވާ ސާމްޕަލްތަކުން 80 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 20 ބިދޭސީންނެވެ.
ކޮވިޑް އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ މާލޭގެ އިތުރުން 38 ރަށެއްގައި އެ ބަލީގެ މީހުން އެބަތިއްބެވެ. އޭގެ އިތުރުން 20 ރިސޯޓެއްގައި 17 ޓުއަރިސްޓުންނާއި 45 މުވައްޒަފުންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.
ރާއްޖެ އިން މިހާތަނަށް 8361 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލިން ފަސޭހަ ނުވާ 2684 މީހުން މިވަގުތު ވެސް އެބަތިއްބެވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 162 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު މިއަދު މި ވަނީ ރިކޯޑް އަދަދަކަށް މަދުވެފަ އެވެ. ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ކުރިއެކޭ އެއް އަދަދަކަށް ސާމްޕަލް ނަގާފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން 80 މީހުން ޕޮޒިޓިވްވެފައިވަނީ، 1320 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރޭގައި ރިޕީޓެޑް ސާމްޕަލް ވެސް ހިމެނެ އެވެ.