05 Sep 2020, 08:55
ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ ހައްޔަރުކޮށްފި އެވެ.
ސުޝާންތުގެ މަރުގެ ތަހުގީގުގެ ދަށުން އޭނާ ހައްޔަރުކުރިއިރު ސުޝާންތުގެ މަރާއެކު ޑުރަގުގެ ވާހަކަތައް ދެކެވެމުން އަންނައިރު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ޝޮވިކް އާއި ސުޝާންތުގެ ހައުސް ކީޕިން މެނޭޖަރު ސެމިއުލް މިރަންޑާ ވެސް ހައްޔަރުކޮށްފަ އެވެ.
އެންސީބީއިން ވަނީ ޝޮވިކް އާއި މިރަންޑާ އާއި އިއްޔެ ހެނދުނު ފަށައިގެން ސުވާލުކޮށްފައެވެ. ތަހުގީގުގެ ތެރޭގައިި ޑުރަގު ގަންނަން ރިއާ ޗަކްރަބޯޓީ އިރުޝާދު ދިން ކަމަށް ޝޮވިކް ޗަކްރަބޯޓީ ވަނީ އެއްބަސްވެފައެވެ. ރިއާ، ޝޮވިކް ގާތު ޑުރަގް ގަންނަން ބުނުމުން އޭނާ ސެމިއުލް މިރަންޑާއަށް ގުޅައި ޑުރަގު ހޯދަން މަސައްކަތްކުރި ކަމަށާއި ޑުރަގު ގެންނަނީ ދައްތަގެ އެދުމުގެ މަތިން ކަމަށް ޝޮވިކް ވަނީ އެންސީބީގައި އެއްބަސްވެފައެވެ. ސެމިއުލް އާއި ޝޮވިކް ވަނީ މުމްބާއީގެ ޑުރަގު ޑީލަރުންނާ ގުޅުން ބާއްވާކަމަށްވެސް އެއްބަސްވެފައެވެ. ދެމީހުންނާ ގުޅިގެން ގިނަ ހެކިތަކެއް ފެނުމާއެކު ދެމީހުން ހައްޔަރުކުރިއިރު މިއަދުގެ ވަގުތެއްގައި ރިއާ އާ ސުވާލުކުރުމަށް އެންސީބީއިން ގެންނަން ވަނީ ތާވަލްކޮށްފައެވެ.
ސުޝާންތު އާއި އޭނާގެ ހައުސް ކީޕިން މެނޭޖަރު ސެމިއުލް މިރެންޑާ: ސެމިއުލް ވަނީ ހައްޔަރުކޮށްފައި---
ރިއާ އާއި ޝޮވިކްގެ އިތުރުން މިރަންޑާ އާ ދެމެދު ދެކެވިފައިވާ ވަޓްސްއަޕް ޗެޓުތަކެއް މިހާރު އާންމުވެފައިވާއިރު އެ ޗެޓުތަކަކީ އެ މީހުން ޑުރަގު ބޭނުންކޮށް ގަންނަ ކަން ހާމަވާކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.
އިއްޔެ ހެނދުނު އެންސީބީއިން ވަނީ ރިއާ ދިރިއުޅޭ ގެއާ ސެމިއުލް ދިރިއުޅޭގެ ބަލާ ފާސްކޮށްފަ އެވެ. އެންގުމެއް ނެތި އެންސީބީގެ ޓީމުން އެމީހުންގެ ގެއަށް ގޮސް ވަނީ ރިއާގެ ފޯނު، ކާރު، ލެޕްޓޮޕް ބަލާ ފާސްކޮށްފަ އެވެ. އަދި ސެމިއުލް އާއި ޝޮވިކްގެ ސާމާނުތައް ވެސް ވަނީ ބަލާ ފާސްކޮށްފަ އެވެ.