ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.

ތ. ވިލުފުށްޓަށް ނިސްބަތްވާ އެމީހާ އެހެން ބުނެފައި ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެ ޕްރޮގްރާމުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެމީހާ ލައިވް ޓީވީގައި ދެއްކި ވާހަކަތައް ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ.

އަދި އެއީ ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލަކަށް ވާނެތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލުއުފައްދަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.