14 Jan 2012, 11:09
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު ހިންގާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ރަށު ހިއްކި ސަރަހައްދުން ވެލި ނެގި މައްސަލާގައި އެ ރަށު ބަޔަކު އިހުތިޖާޖްކޮށް، އެ ސަރަހައްދުން ވެލިނަގަން މަސައްކަތްކުރުމުން ފުލުހުން އެކަން ހުއްޓުވައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބުރާހިމް ރަމީޒް މިއަދު ވިދާޅުވީ އެ ރަށު ހިއްކި ސަރަހައްދުން ބަޔަކު އިއްޔެ ވެލިނެގިކަން އެނގިވަޑައިގެންނެވި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ފަހުން ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައި އޮތީ ހިއްކި ސަރަހައްދުން ބަޔަކު ވެލިނެގިކަން. އެކަމަކު ތިކަމާ ގުޅޭ މައުލޫމަތު މިހާރު ނެތް ދެވޭކަށް ފަހުން އަޅުގަނޑުމެން ދޭނަން،" ރަމީޒް ވިދާޅުވި އެވެ.
ނަމަވެސް ކުލުދުއްފުށީ ކައުންސިލްގެ ރައީސް ރަމީޒް އިއްޔެ ކުޅުދުއްފުށީ އޮންލައިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހިއްކި ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ މޯލްޑިވްސް ރޯޑް ކޯޕަރޭޝަނަށް ދެއްވާފައިވާނެ ކަމަށާއި އެހެންނަމަވެސް އެ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ އާންމު އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި، އެފަދަ ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށިން ސަން އަށް މައުލުމާތުދިން މީހަކު ބުނީ އެ ރަށު ހިއްކި ސަރަހައްދުން މަގުހަދާ ކުންފުންޏަށް ވެލި ނެގުމުގެ ހުއްދަ ކައުންސިލުން ދިން ކަމަށާއި ނަމަވެސް ރައްޔިތުގެ ތެރެއިން ބަޔަކު އެ ސަރަހައްދުން ވެލިނަގަން ފެށުމާ އެކު ފުލުހުން އެކަން ހުއްޓުވީ ކަމަށެވެ.
އެމީހާ ބުނީ ވެލި ބަސްތާތައް ޕިކަޕަށް އަރުވައިގެން ދާން އުޅެނިކޮށް ޕިކަޕުގެ ޑްރައިވަރާއި އަދި ދެ މީހަކު ފުލުހުން ގެންދިޔަ ކަމަށާއި ފުލުސް އޮފީހަށް އެމީހުން ގެންދުމަށް ފަހު ޕިކަޕަށް އަރުވާފައިވާ ވެލިބަސްތާތައް ހުސްކޮށްފައިވަނީ ވެސް ފުލުހުން ކަމަށެވެ.
އަދި އޭނާ ބުނެފައި ވަނީ އެ ސަރަހައްދަށް އެއްވި މީހުން ފުލުސް އޮފީސް ދޮށަށް އެއްވުމާ ގުޅިގެން ފުލުހުން އެމީހުންނާ ވާހަކަ ދެއްކުމަށް ފަހު ހައްޔަރުކޮށްގެން ގެންދިޔަ ތިން މީހުން ވެސް ދޫކޮށްލި ކަމަށެވެ.
ކުޅުދުއްށިން ވާހަކަ ދެއްކި މީހާ ބުނީ އެ ރަށުގެ މަގުހެދުމުގެ މަސައްކަތް ކުރާ މީހުންނަށް ރަށުގެ ހިއްކި ސަރަހައްދުން ވެލި ނަގާ ނަމަ ރަށުގެ ރައްޔިތުންގެ ބޭނުމަށް ވެސް އެ ސަރަހައްދުން ވެލިނެގެން ޖެހޭނެ ކަމަށެވެ.