04 Sep 2020, 12:40
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާސަނަނަލް ވެބްސައިޓާ އަދި މޮބައިލް އެޕްލިކޭޝަނާ ގުޅިފައިވާ އެކައުންޓެއް ހެކްކުރިކަން ޓުވިޓާއިން ޔަގީންކޮށްދީފިއެވެ.
މޯދީގެ އެކައުންޓް ހެކްކޮށް ވަނީ މޯދީގެ ނެޝެނަލް ރިލީފް ފަންޑަކަށް ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ފައިސާ ޖަމާކުރުމަށް އެދި އެތަކެއް ޓުވީޓުތަކެއްކޮށްފައެވެ.
ޓުވިޓާއިން ބުނީ މޯދީގެ އެކައުންޓް "ސެކިއޯ" ކުރުމަށް މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެކަންވީ ގޮތް ބަލަމުން ދަނީ. އިތުރު އެހެން އެކައުންޓްތައް ހެކްކުރިކަން ފާހަގަކުރެވިފައެއް ނެތް" ޓުވިޓާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން މޯދީގެ އޮފީހުގެ ބަހެއް ނުލިބުނުކަމަށް އަލްޖަޒީރާާއިން ބުންޏެވެ.
ހެކްކުރި އެކައުންޓްގައި 2.5 މިލިއަން ފޮލޯވާސް ތިިބެއެވެ.
އެ އެކައުންޓް ހެކްކުރި ނަމަވެސް މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓް ހެކްކޮށްފައެއް ނުވެއެވެ. އެ އެކައުންޓްގައި 61 މިލިއަން ފޮލޯވާޒް ތިބެއެވެ.
މޯދީގެ އެކައުންޓް ހެކްކުރިއިރު މިދިޔަ ޖުލައިމަހު މަޝްހޫރު އެތައް ބައެއްގެ އެކައުންޓްތައް ހެކްކޮށް މޯދީގެ އެކައުންޓުން ކުރި ކަހަލަ ޓުވީޓުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސްކަމަށް މިފަހަރު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަދަކުރައްވާ ޖޯ ބައިޑެންއާާއި ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ބިލިއަނަރު އީލޯން މަސްކުގެ އެކައުންޓް ހިމެނެއެވެ.-- އަލްޖަޒީރާ