ގދ. ހޯނޑެއްދޫއިން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ކޮވިޑް19އަށް ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ހޯނޑެއްދޫ މޮނީޓަރިންއަށް ލާފައިވަނީ އިއްޔެގަ އެވެ.

އެ އެންގުމުގައި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ހޯނދެއްދޫގައި ތިބި މީހުން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފަ އެވެ.

ހޯނޑެއްދޫ ހެލްތު ސެންޓަރުގެ މެނޭޖަރުގެ އަހްމަދު ޝިފާއު "ސަން"އަށް ވިދާޅުވީ ރެންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނާއެކު އެރަށުން މިހާތަނަށް ހަ ކޭސް ފެނިފައިވާ ކަމަށެވެ.

"އިއްޔެ ސަވެއިލަންސްއަށް ނެގި ތިން ސާމްޕަލުން ދެ ސާމްޕަލް ޕޮޒިޓިވްވީ. އެއީ ފްލޫ ކްލިނިކަށް ދައްކާފައި ހުރި މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރި މީހުން. ފުރަބަންދުގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ކުރިން ވަނީ ޕޮޒިޓިވްވެފައި،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަބަންދުގައި ތިބި ހަތަރު މީހަކު ޕޮޒިޓިވްވުމާއެކު ވަރަށް ފުޅާކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދާއިރު ގޭގައި ތިބުމަށް އެރަށު ރައްޔިތުންގެ ފަރާތުން އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިއްޔެ ހޯނޑެއްދޫ މޮނީޓަރިން ހާލަތަށް ގެނައުމާއެކު މިހާރު އެރަށުގެ ކެފޭތައް ބަންދުކޮށް، ފިހާރަތަކަށް ވަކި ގަޑިއެއްގައި ޑެލިވަރީ ކުރެވޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ.

އިއްޔެ 6:00 އާ ހަމައަށް އައިއިރު ރާއްޖޭގެ މީހުން ދިރިއުޅޭ 39 ރަށަކުން ކޮވިޑް19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފަ އެވެ.