04 Sep 2020, 10:47
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ރައީސް ސޯލިހު މިއަދު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ހުސެއިން މުހައްމަދު ނިޔާވި ހަބަރު އެއްސެވީ ފުން ހިތަމާއާއެކު ކަމަށެވެ.
އަދި ހުސެއިންނަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ގާތް ރަޙުމަތްތެރިއެއް ކަމަށް ވިދާޅުވިއެވެ.
"ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ވަނީ ހުސައިން މުހައްމަދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ.
ހުސައިން މުހައްމަދު އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވިއެވެ.
ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އެގޮތުން، އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން، ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން އަދި ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަން އަދި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމު އޭނާ އަދާކުރެއްވި އެވެ.
ހުސެއިން މުހައްމަދު ފާހަގަ ކުރެެއްވިފައި ވަނީ، ބޭރުގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވައި ކަވަރުކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 20 އަހަރު ވަންދެން، 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް ނޫސްވެރިކަން ކުރައްވައިފަ އެވެ. އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސްގަލަން އޭނާއަށް ވަނީ ލިބިލައްވައިފަ އެވެ.
މީގެ އިތުރުން ހުސެއިން މުހައްމަދު ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.
އޭނާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 2005 ވަނަ އަހަރުން ފެށިގެންނެވެ.