ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަވަހާރަވެއްޖެ އެވެ.

މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަން ވަނީ ކަށަަވަރުވެފަ އެވެ.

އޭނާ އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވިއެވެ.

ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

އެގޮތުން، އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން، ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން އަދި ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަން އަދި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމު އޭނާ އަދާކުރެއްވި އެވެ.

ހުސެއިން މުހައްމަދު ފާހަގަ ކުރެެއްވިފައި ވަނީ، ބޭރުގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވައި ކަވަރުކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 20 އަހަރު ވަންދެން، 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް ނޫސްވެރިކަން ކުރައްވައިފަ އެވެ. އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސްގަލަން އޭނާއަށް ވަނީ ލިބިލައްވައިފަ އެވެ.

މީގެ އިތުރުން ހުސެއިން މުހައްމަދު ވަނީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވައިފަ އެވެ.

އޭނާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 2005 ވަނަ އަހަރުން ފެށިގެންނެވެ.

ހުސެއިން މުހައްމަދުގެ ހިދުމަތްތައް:

  • އީޑީސީގެ އެކިއެކި މަގާމުތައް.

  • އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްކަން/ޑެޕިއުޓީ މިނިސްޓަރުކަން.
  • ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރު/ ޑިރެކްޓާ އޮފް ޕްރޮގްރާމްސްކަން.
  • ޓީ.ވީއެމްގެ އިސްވެރިޔާކަން، ޑިރެކްޓާ ޖެނެރަލްކަން/އެގްޒެކެޓިވް ޑިރެކްޓަރުކަން.
  • ދިވެހިރާއްޖޭގެއަޑުގެ ބޭރުގެ ހަބަރުތައް ދިރާސާކުރައްވާ ނޫސްވެެރިއެއްގެ ގޮތުގައި.
  • އާފަތިސް ނޫހުގައި ބޭރުގެ ހަބަރުތައް ލިޔުއްވުމުގެ މަސައްކަތް.
  • "ބޭރު ދުނިޔެއިން ކުޅިވަރު" ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި.
  • 2004-2009: 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަތިއަތޮޅު އުތުރުބުރީގެ (އއ. އަތޮޅު) މެމްބަރުކަން
  • 2009-2014: 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން.
  • 2014-2019: 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން.