14 Jan 2012, 09:48
މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބާއްވާ "ދަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ގްލޯބަލް މޫމެންޓް އޮފް މޮޑަރޭޓްސް" ނުވަތަ ބައިނަލްއަގުވާމީ މެދުމިނުގެ ހަރަކާތުގެ ކޮންފަރެންސްގައި މުހިއްމު މުގައްރިރެއް އަދި މޮޑަރޭޓަރެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާނެ ކަމަށް މެލޭޝިޔާގެ ނޫހަކުން ބުނެފި އެވެ.
މި ކޮންފަރެންސް ބާއްވަނީ މިމަހުގެ 17 އިން 19 އަށެވެ.
މެލޭޝިޔާގެ ގައުމީ ނޫސްއެޖެންސީ "ބަރްނާމާ"ގެ ވެބްސައިޓްގައި އިއްޔެ ލިޔެފައިވާ ހަބަރުގައި ބުނަނީ ކޮންފަރެންސްގެ ކީ ސްޕީކަރުން އަދި މޮޑަރޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަން މިހާރު ކަށަވަރުކޮށްދެއްވާފައިވާ ދެ ބޭފުޅުންނަކީ އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑައިރެކްޓަރު ރިޓަޔާޑް އެޑްމިރަލް ޑެނިސް. ސީ ބްލެއާ އާއި ރައީސް ނަޝީދު ކަމަށެވެ.
އެ ކޮންފަރެންސްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ "ތިމާވެށީގެ ކަންކަމުގައި މެދުމިން ވުމާއި ތަރައްގީ" މި މައުލޫގެ މައްޗަށެވެ. ޑެނިސް ސީ ބްލެއާ ވާހަކަފުޅު ދައްކަވާނީ "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި އިސްލާމީ ދުނިޔެ، ދެމެހެއްޓެނިވި ކުރިމަގެއް ކުރެހުން" މި ސުރުހީ އަށެވެ.
މެލޭޝިޔާގެ އިންޓަނޭޝަން އިސްލާމިކް ޔުނިވަސިޓީގެ އިސްދަރިވަރުންގެ ޖަމިއްޔާ، (އައިއައިޔޫއެމް) އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްގައި 70 ގައުމަކުން 450 ބޭފުޅުން ބައިވެވަޑައިގަންނަވާއިރު މުގައްރިރުންނާއި މޮޑަރޭޓަރުންގެ ގޮތުގައި 55 ބޭފުޅުން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާގެ ރައީސް ޚަލެކް އަވާން އާ ހަވާލާދީ ނޫހުގައި ވެއެވެ.
އެ 55 ބޭފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނީ ގައުމުތަކުގެ ވެރިންނާއި ސަރަހައްދީ ޖަމާއަތްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ ވެރިންނާއި ދީނީ ޖަމާއަތްތަކުގެ ވެރިންނާއި ދީނީ އިލްމުވެރިންނެވެ. ދީނީ ޖަމިއްޔާތަކާއި ސިވިލް ސޮސައިޓީތަކާއި މީޑިޔާއިން އެ ކޮންފަރެންސަށް އެހީތެރިވާނެ ކަމަށް ވެސް އައިއައިޔޫއެމްއާ ހަވާލާދީ ބުނެފައި ވެއެވެ.
ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ، ފާހަގަކޮށްލެވޭ އެހެން ބޭފުޅުންގެ ތެރޭގައި މެލޭޝިޔާގެ ހާރިޖީ ވަޒީރު ޑރ. މާޓީ ނަޓަލެގާވާ އާއި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ޑރ. ސުރަކިއާތު ސަތިރާތީ އާއި އާސިއާންގެ ސެކްރެޓަރީ ޖެނެރަލް ޑރ. ސުރިން ޕިޓްސުވާން އާއި ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ޕްރޮޕެސަރު އެސްޖޭ ކުމާރު ހިމެނިވަޑައިގަންނަވަ އެވެ.
ސިޔާސީ ، އިގުތިސާދީ، އިޖުތިމާއީ އިންސާފު އަދި ތައުލީމީ ދާއިރާގައި މެދުމިން ވުމާ ބެހޭ ކަރުދާސްތައް 20 ގައުމަކުން ކޮންފަރެންސަށް ހުށައަޅާނެ ކަމަށް ވެސް ޚަލެކްއާ ހަވާލާދީ ބަރްނާމާގައި ވެއެވެ.
"މެލޭޝިޔާ އާއި މެލޭޝިޔާއިން ބޭރުގެ ތަފާތު އޯގަނައިޒޭޝަންތަކުން މި ކޮންފަރެންސްގައި މަންދޫބުން ބައިވެރިކުރަން ވަނީ ރަޖިސްޓްރީކޮށްފައި، ނަމަވެސް ބައިވެރިވެވެނީ ދައުވަތުދީފައިވާ ފަރާތްތަކަށް ކަމަށް ވާތީ އެދުނު ހުރިހާ ފަރާތްތަކަށް ފުރުސަތު ދެވޭކަށް ނެތް އަހަރެމެންނަކަށް،" މިދިއަ ބުރާސްފަތީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޚަލެކު ވިދާޅުވި ވެއެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން "ގްލޯބަލް މޫމެންޓް އޮފް މޮޑަރޭޓްސް، ދަ ވޭ ފޯވާޑް" ގެ ނަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ތަގުރީރެއް ކުރައްވާނެ ކަމަށާއި އެއަށް ފަހު އެހަރަކާތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާނީ ވެސް އޭނާ ކަމަށް އައިއައިޔޫއެމްގެ ރައީސާ ހަވާލާދީ ބަރުނާމާގައި ވެއެވެ.
ބައިނަލްއަގުވާމީ މެދުމިނުގެ ހަރަކާތް އުފެއްދުމަށް ހިޔާލު ލިބުނީ 2010 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސެރީ ނަޖީބު ޓުން ރައްޒާގު ދެއްވި ތަގުރީރަކުންނެވެ.
ކޮންފަރެންސްގެ އަމާޒަކީ މުސްތަގުބަލުގެ ޖީލުތަކަށް ޓަކައި، މާދަމާ ރަނގަޅު ދުނިޔެއެއް ބިނާކުރުމުގައި މުއްސަނދިގައުމުތަކާއި ފަގީރުގައުމުތައް އަދި ކުދިގައުމުތަކާއި ބޮޑެތި ގައުމުތައް ހިމެނޭ ގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެސް ޒިންމާއެއް ވާކަން ފާހަކުރުން ކަމަށް އައިއައިޔޫއެމްގެ ރައީސް ވިދާޅުވި ކަމަށް ބަރުނާމާގައި ވެއެވެ.