04 Sep 2020, 07:17
ދިއްލީ (ސެޕްޓެމްބަރު 4): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ރާޖާ ސިންހު މުސްލިމުންނާ ދެކޮޅަށް ދެއްކި ވާހަކަތަކަކާ ގުޅިގެން ފޭސްބުކުން އޭނާގެ އެކައުންޓު ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
ފޭސްބުކުން ބުނި ގޮތުގައި ތެލަންގަނާ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރާޖާ ސިންހުއާ ދެކޮޅަށް ފިޔަވަޅު އެޅީ އެ ކުންފުނިން "ނުރައްކާތެރި މީހުންނާއި ޖަމްއިއްޔާތަކާ" ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އަދި އޭނާގެ އެކައުންޓުގެ އިތުރުން އޭނާ ތަމްސީލުކޮށްދޭ އެހެން އެކައުންޓުތަކާއި ގުރޫޕުތަކާއި ޕޭޖުތައް ވެސް ހުއްޓުވާނެ ކަމަށް ފޭސްބުކުން ބުންޏެވެ.
ފޭސްބުކުން އެފަދައިން ބުނީ، އިންޑިއާގައި ހުންނަވާ ފޭސްބުކުގެ ޕޮލިސީ ޗީފް އަންކީ ދަސް އެ ކުންފުނީގެ ބައެއް ސިޔާސަތުތައް ތަންފީޒު ކުރުމުގައި ތަފާތު ކުރާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރި ފަހުންނެވެ. އެގޮތުން ފޭސްބުކުގެ 'ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކުމާ' ބެހޭ ސިޔާސަތުގެ ދަށުން ބީޖޭޕީ އާއި އެހެނިހެން ހިންދޫ ވަތަނީ މީހުންނާއި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަންކީ ދަސް ދެކޮޅު ހައްދަވާ ކަަމަށް އެ ނޫހުގައިވެ އެވެ.
މީގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއާ އެކު އޮތް ގުޅުން ހީނަރުވެދާނެތީ ފޭސްބުކުން ވެސް ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކުމާ ބެހޭ ސިޔާސަތު ތަންފީޒު ކުރުމުގައި ފަރުވާ ކުޑަކޮށް، އެ ޕްލެޓްފޯމުގައި މުސްލިމުންނާ ދެކޮޅު ވާހަކަ ދައްކަން ފުރުސަތު ދޭ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވެ އެވެ. އަދި ސިންހުގެ ފޭސްބުކް ޕޯސްޓުތަކުގައި އޭނާ ވަނީ ރޮހިންގާ ރެފިއުޖީންގެ ގަޔަށް ބަޑި ޖެހުމަށް ގޮވާލާ، އިންޑިއާގެ މުސްލިމުންނަކީ ގައްދާރުންގެ ގޮތުގައި ސިފަކޮށް، މިސްކިތްތައް ތަޅާލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް އެ ނޫހުން ފާހަގަ ކުރި އެވެ.
ސިންހު އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާގެ ފޭސްބުކް އެކައުންޓު ވަނީ ހެކްކޮށްފަ އެވެ. އަދި އޭނާއަށް ނޭނގި އޭނާގެ ނަމުގައި ސޯޝަލް މީޑިއާގައި ގިނަ ޕޭޖުތައް ހަދާފައިވާ ކަމަށާއި އޭނާ ގަވާއިދުތަކާ އެއްގޮތަށް ސޯޝަލް މީޑިއާ ބޭނުން ކުރަން އެދޭ ކަމަށް ބުނެފަ އެވެ.