03 Sep 2020, 23:43
ކޮވިޑް-19 ޖެހުނު މީހުނަށް ވުރެން އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ގިނަވެއްޖެ އެވެ.
ކޮވިޑަށް މިއަދު 141 މީހުން ޕޮޒިޓިވްވެފައިވާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ހުރީ 145 ގަ އެވެ.
ރާއްޖޭގެ ވެރި ރަށް މާލޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސުޕްރެޑެއް ފެށުނު ފަހުން ގިނަ މަސްތަކެއް ވެފައިވާއިރު އެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.
އެގޮތުން ރާއްޖެއިން އެ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަސް ތެރޭގަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް މަދެވެ.
ނަމަވެސް މި ފަހުން އައިސް ކޮވިޑުން ފަސޭހަވާ މީހުންގެ އަދަދު ގިނަވާން ފަށާފައި މި ވަނީ އެ ބަލި ޖެހޭ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ގޮތުން ޓެސްޓު ކުރުން ނިމުމަކަށް ގެނައިސްފައިވަނިކޮށެވެ.
ރާއްޖެ އިން މިހާތަނަށް 8281 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 5483 ގަ އެވެ. 2763 މީހުން އެކްޓިވް ކޭސްގެ ގޮތުގައި ހުރި އިރު 157 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 29 މީހަކު ވަނީ މަރުވެފަ އެވެ.