މިދިޔަ މަހު ނެރުނު ފިލްމު "ޚުދާ ހާފިޒް" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމާއެކު މި ފިލްމުގެ ސީކުއަލެއް ގެނެސްދޭން ނިންމައިފިއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްްކުރި އެ ފިލްމުގެ ސީކުއަލެއް ހަދާނެ ކަމަށް ފިލްމުގެ ޓމުން މިހާރު ވަނީ ކަށަވަރުކޮށްދިފައެވެ. ޚުދާ ހާފިޒް އަކީ ރޮމޭންޓިކް ތުރިލާ އެކެވެ.

ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދިޔައީ ޝިވަލީކާ އޮބްރޯއީ އެވެ. އަދި ފިރިހެން ލީޑަކީ ވިދްޔުތު ޖަމްވާލްއެވެ. ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު ޚުދާ ހާފިޒް ޕްރިޑިއުސްކޮށްފައި ވަނީ ކުމާރު މަންގަތު ޕަތަކްއާއި އަބީޝޭކް ޕަތަކް އެވެ.

ފިލްމުގެ ސީކުއަލް އިން ދެތަރިން ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝިވަލީކާ (ނަރްގިސް) ބޭރު ގައުމަކަށް ދަތުރުކުރާ ތަނެވެ. އޭނާގެ ފިރިމީހާ ވިދްޔުތް (ސަމީރު) އަށް ގުޅާ އޭނާ އެނބުރި ގައުމަށް ގެންދިޔުމަށް އެދި އާދޭސްކުރާ މަންޒަރު ފެނިގެންދިޔައެވެ. ސަމީރު އޭނާގެ އަންހެނުން ހޯދަން އެ ގައުމަށް ގޮސް ދިމާވާ ކަންތައްތައް ވެސް މި ފިލްމުން ފެނިގެން ދިޔައެވެ.

އަންނަ އަހަރު ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.