ޤާހިރާ (ޖަނަވަރީ 14) : މިސްރުގައި ރިޔާސީ އިންތިޚާބެއް ބާއްވައި ދިމުޤްރާތީ ސަރުކާރެއް އުފެއްދުމަށްފަހު ވެސް އެޤައުމުގައި މިހާރު ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުން ވެރިކަމުގެ ބައެއް ބާރުތައް ހިފެހެއްޓުމުގެ ވިސްނުމެއް ގެންގުޅޭކަމަށް އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖިމީކާޓާ ވިދާޅުވެއްޖެއެވެ.

މިސްރުގައި ވަގުތީގޮތުން ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުގެ ރައީސް މުޙައްމަދު ޙުސައިން ތަންތާވީއާ ޤާހިރާގައި ބައްދަލުކުރެއްވުމަށްފަހު ކާޓަރ ވިދާޅުވީ ޢަސްކަރީ އެންމެމަތީ މަޖިލީހުން މިސްރުގެ ވެރިކަން، ރައްޔިތުން އިންތިޚާބުކުރާ މަދަނީ ސަރުކާރަކާ ޙަވާލުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމުގައެވެ. ނަމަވެސް ވެރިކަމުގެ ބައެއް ބާރުތައް ޢަސްކަރީ އެންމެ މަޖިލީހުގެ އަތްދަށުގައި ބޭއްވުމުގެ ވިސްނުމެއް އެމަޖިލީހުން ގެންގުޅޭކަމަށް ކާޓަރ ވިދާޅުވިއެވެ.

ކާޓަރވަނީ މިސްރުގައި ދާދިފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބު މޮނިޓަރ ކުރުމުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވުމަށްފަހު މިސްރުގެ ޢަސްކަރީ އެންމެމަތީ މަޖިލީހުގެ ރައީސް ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީއާ އިއްޔެ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ އުތުރިއެރުމެއްގައި ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމަށްފަހު އިސްލާހްކުރި މިސްރުގެ ޤާނޫނު އަސާސީގައި ޢަސްކަރީ މަޖިލީހަށް ވެރިކަމުގެ ބައެއް ބާރުތައް ލިބޭފަދަގޮތަކަށް މާނަކުރެވޭފަދަ މާއްދާއެއް އޮތުމުން ރައްޔިތުންގެ އެތަށް ލައްކަބަޔަކުވަނީ އެކަމާދެކޮޅަށް އަޑުއުފުލައި ކުރީގައި ޙުސްނީ މުބާރަކް އަދާކުރެއްވި ދައުރު މިހާރުގެ ޢަސްކަރީ މަޖިލީހުން އަދާކޮށްފާނެ ކަމުގެ ބިރުހީވާކަން ހާމަކޮށްފައެވެ.

މިސްރުގައި ބިންގާ އެޅެމުންދާ ދިމުޤްރާތީ ނިޒާމްގެ ތެރެއަށް ޢަސްކަރީ މަޖިލީހުން ބާރާއި ނުފޫޒު ހިންގައި ވެރިކަމުގައި ދެމިތިބެވޭނެގޮތަށް ކަންތައްތައް ކުރަމުން ގެންދާ ކަމުގެ ތުހުމަތު މިސްރުގެ ސިޔާސީ ފަރާތްތަކުންވެސް ގެންދަނީ އެމަޖިލީހުގެ މައްޗަށް ކުރަމުންނެވެ. -- އަލްޖަޒީރާ