03 Sep 2020, 18:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް އާއި ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުޙައްމަދު ފަރުސަތާއި، މ. ފަލްކަންގެ، މުހައްމަދު ނާސިހެވެ.
އެބޭފުޅުންގެ ތެރެއިން ފަރުސަތު މިހާތަނަސް ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައެވެ. އަދި ނާސިހު މިހާތަނަށް ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން އައްޔަންކުރައްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެ ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެ ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާ ހަވާލުކުރެއްވިއެވެ.