ބާލިން (ސެޕްޓެމްބަރު 3): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ދީފައިވާ ވިހައަކީ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ކަމަށް ޖަރުމަނުގެ ސަރުކާރުން ބުނެފި އެވެ.

ޖަރުމަނުގެ ސަރުކާރުގެ ތަރުޖަމާނު ސްޓެފެން ސީބާޓް ވިދާޅުވި ގޮތުގައި ނަވަލްނީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސިކޮލޮޖީ ޓެސްޓުތަކުން ވަނީ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ފެނިފަ އެވެ. އެހެންކަމުން ނަވަލްނީއަށް ދީފައިވާ އެ ހަމަލާ ކުށްވެރިކޮށް، އެ މައްސަލައާ ބެހޭ މައުލޫމާތު ދިނުމަށް ރަޝިއާއަށް ގޮވާލައްވާ ކަމަށް ވިދާޅުވެފަ އެވެ.

"[ނަވަލްނީއަށް] ދީފައިވާ ހަމަލާ ފެޑެރަލް ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މި ހާދިސާއާ ބެހޭ މައުލޫމާތު ދިނުމަށް ރަޝިއާގެ ސަރުކާރަށް ގޮވާލަން،" ސީބާޓްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އިއްޔެ ވިދާޅުވި ގޮތުގައި ނަވަލްނީއަށް ކެމިކަލް ނާވް އޭޖެންޓަކުން ވިހަދީފައިވާ ކަން ޓެސްޓުތަކުން އެނގެ އެވެ. އަދި ބަޔަކު އޭނާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރި ކަމަށާއި އެ ހާދިސާއާ ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ރަޝިއާގެ ސަރުކާރުން ޖަވާބު ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޖަރުމަނުން އެފަދައިން ބުނި ފަހުން، ރަޝިއާގެ ސަރުކާރުގެ ތަރުޖަމާނަކު ވަނީ ނަވަލްނީއަށް ނޮވިޗޮކް ބޭނުން ކޮށްގެން ޒަހަރު ދީފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ޖަރުމަނުން ރަޝިއާއާ ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އުމުރުން 44 އަހަރުގެ ނަވަލްނީއަށް ކުލި ފަރުވާ ދޭން ޖެހުނީ މިދިޔަ މަހުގެ 20ގައި ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި އޭނާއަށް ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހު، ބާލިންގެ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލުން އިއްޔެ ބުނި ގޮތުގައި ވެންޓިލޭޓަރާ ގުޅާފައި އޮތް ނަވަލްނީގެ ހާލު ސީރިއަސް އެވެ. ނަމަވެސް އޭނާގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ.

ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި، ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެއްދި ނޮވިޗޮކް ކެމިކަލް ހަތިޔާރަކީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގައި ރަޝިއާގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ހަމަލާ ދޭން ބޭނުން ކުރި ކެމިކަލް ކަމަށް އިނގިރޭސިން ބުނެ އެވެ.

ސްކްރިޕަލް އަކީ ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރަމުން އިނގިރޭސިވިލާތަށް މައުލޫމާތު ދިނުމުގެ ކުށުގައި 2006 ވަނަ އަހަރު ރަޝިއާއިން ޖަލަށްލި މީހެކެވެ. ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސިވިލާތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ރަޝިއާ އިން ސްކްރިޕަލް ދޫކޮށްލި އެވެ. އަދި އޭނާ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރި އެވެ.

އޭގެ ފަހުން މާޗް 2018ގައި ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ، ސެލިސްބަރީގެ ޕާކެއްގައި ހޭނެތިފައި އޮއްވާ ފެނުނެވެ. އަދި އެ ދެ މީހުންނަށް ނޮވިޗޮކް ނާވް އޭޖެންޓެއް ދީފައިވާ ކަމަށް އިނގިރޭސިވިލާތުން ބުންޏެވެ. އެ ހާދިސާގައި އެ ދެ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް، ސެލިސްބަރީ ކައިރީގައި ދިރިއުޅޭ ދެ މީހެއްގެ ހަށިގަނޑުން ފަހުން ނޮވިޗޮކްގެ އަސަރު ފެނުނެވެ. އަދި އޭގެ ތެރެއިން އެކަކުގެ ހާލު ދެރަވުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ.