ތެހެރާން (ޖަނަވަރީ 14) : މިދިޔަ ބުދަދުވަހު އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓް މުސްތަފާ އަޙްމަދީ ރަވްޝާނުގެ މަރުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އަދަބު ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ދީނީމުރްޝިދު އާޔަތުﷲ ޢަލީޚަމަނާއި ވިދާޅުވީ މުސްތަފާ އަވަހާރަކޮށްލިނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށާއި އޭނާގެ މަރުގެ ފަހަތުގައިވާ ޤާތިލުން ހައްޔަރުކޮށް އެމީހުން ޢަދާލަތަށް ޙާޒިރުކުރާނެ ކަމުގައެވެ.

އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މެރުމާއި އީރާނުގެ އެތެރޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމާއި ނިއުކްލިޔަރ މަރުކަޒުތަކަށް ބޮންއަޅާނެކަމުގެ ބިރުދެއްކުންފަދަ ކަންތައްތައް އެމެރިކާއާއި އިސްރާއީލު ކުރަމުން ގެންދަނީ އީރާނުގެ ސައެންޓިފިކް ކުރިއެރުން ހުއްޓުވުމުގައި ގޮތްހުސްވެގެން ކަމަށް ޚަމަނާއި ތުހުމަތު ކުރެއްވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާފައި އެމެރިކާއާއި އިސްރާއީލަށް އަމާންކަމުގައި ނޯވެވޭނެ ކަމުގެ އިންޒާރުވެސް ޚަމަނާއި ދެއްވިއެވެ.

މިދިޔަ ބުދަދުވަހު އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓް މުސްތަފާ އަޙްމަދީއަކީ އީރާނުގެ ނަތަންޒް ނިއުކްލިޔަރ މަރުކަޒުގެ ސަޕްލައިތަކާބެހޭ ޑިޕާޓްމަންޓްގެ އިސްވެރިއެއް ކަމަށް ޚަބަރުލިބެއެވެ. މުސްތަފާ އަވަހާރަކޮށްލި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލުކަމަށް އީރާނުންވަނީ ތުހުމަތުކޮށްފައެވެ. ފާއިތުވި ތިންއަހަރު ތެރޭގައި، އީރާނުގެ ސައެންސްވެރިން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި އެޤައުމުގެ އިތުރު ދެސައެންޓިސްޓަކު އަވަހާރަކޮށްލައި ރޮކެޓް ސައެންސާބެހޭ ރީސާޗް މަރުކަޒެއް ގޮއްވާލާފައިވާއިރު މިޙަމަލާތަކުގެ ފަހަތުގައިވާކަމަށް އީރާނުން ތުހުމަތުކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ އިތުރުން އިނގިރޭސިވިލާތެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން މިކަން ދޮގުކުރެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިންވަނީ އީރާނުގައި ހިންގަމުން ގެންދާ ޓެރަރިސްޓް ޙަމަލާއަށް ތާއީދުކުރައްވައި ފާޅުގައި ވާހަކަ ދައްކާފައެވެ. އީރާނުގައި ދާދިދަހުން ހައްޔަރުކުރި އެމެރިކާގެ ޖާސޫސެއްގެ މައްޗަށް އެޤައުމުގެ ކޯޓަކުންވަނީ މަރުގެ ޙުކުމް އިއްވާފައެވެ. ނަމަވެސް އީރާނުގެ ސަރުކާރުން އެޙުކުމް އަދި ތަންފީޒުކޮށްފައެއް ނުވެއެވެ. -- އަލްޖަޒީރާ