03 Sep 2020, 16:23
ޑަބްލިޔުއެޗްއޯ (ސެޕްޓެމްބަރު 3): ކޮވިޑް-19 ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ސްޓެރޮއިޑް ބޭސްތައް ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާ ދީފި އެވެ.
ޑަބްލިޔުއެޗްއޯ އިން އެ ލަފާ ދިނީ ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވާ މީހުންނަށް ސްޓެރޮއިޑްތައް ދިނުމުން އެމީހުންގެ ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު ބޮޑުވާ ކަަމަށް ކަމާ ގުޅުން ހުރި ހަތް ދިރާސާއެއްގެ އެނެލިސިސްއިން ދެއްކި ފަހުންނެވެ. ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި އިއްޔެ ޝާއިއުކޮށްފައިވާ އެ އެނެލިސިސްގައި ފާހަގަކޮށްފައިވާ ދިރާސާތަކުގެ ތެރޭގައި މިދިޔަ ޖޫން މަހު އޮކްސްފޯޑް ޔުނިވާސިޓީ އިން ހެދި ދިރާސާއެއް ހިމެނެ އެވެ.
އެ ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ގޯސްވެ، މެޝިނެއްގެ އެހީގައި ނޭވާލާން ޖެހޭ މީހުންނަށް ޑެކްސަމެތަސޯން ކިޔާ ސްޓެރޮއިޑެއް ދިނުމުން އެމީހުން މަރުވުމުގެ ނުރައްކާ 40 ޕަސެންޓުން 28 ޕަސެންޓަށް ދަށްކޮށްދެ އެވެ. އަދި އޮކްސިޖެން ދެމުން ދިޔަ މީހުން މަރުވުމުގެ ނުރައްކާ 25 ޕަސެންޓުން 20 ޕަސެންޓަށް ދަށްވި އެވެ. ނަމަވެސް ކޮވިޑް-19 ޖެހި ހާލު ބޮޑު ނުވާ މީހުންނަށް ބޭހުގެ އަސަރެއް ނުކުރާކަން އެ ދިރާސާ ހެދި ސައިންސުވެރިން ފާހަގަ ކުރި އެވެ.
އެހެންކަމުން ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ކޮވިޑް-19 ޖެހި ހާލު ސީރިއަސް ނުވާ މީހުންނަށް ސްޓެރޮއިޑް ނުދިނުމަށް ލަފާ ދީފަ އެވެ. ނަމަވެސް އޭގެ ތެރޭގައި އެހެން ބައްޔަކަށް ސްޓެރޮއިޑްސް ބޭނުން ކުރާ މީހުން ނުހިމެނޭނެ ކަންވެސް އެ ޖަމްއިއްޔާގެ އިރުޝާދުގައިވެ އެވެ.
ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 26 މިލިއަނަށް ވުރެ އިތުރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 863,577 އަށް އަރާފަ އެވެ. އަދި މިހާރު ބަލިން ރަނގަޅުވެފައި ވަނީ 17 މިލިއަން މީހުންނެވެ.