04 Sep 2020, 10:31
މިއީ އާންމުކޮށް ރާއްޖެއިން ވަރަށް މަދުން ނޫނީ ނުބާނާ މަހެކެވެ. އިނގިރޭސިން ކިޔަނީ ކޯބިޔާވެ. ދިވެހިން ކިޔަނީ ކޯބިޔަ މަހެވެ. ސައިންޓިފިކް ނަމުން ނަމަ ރަޗިސެންޓްރޯން ކަނަޑަމް އެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ވަަރަށް މަގުބޫލް މި މަަހަކީ ތަފާތު ގިނަ ވައްތަރުގެ "ޑިޝް"ތައް ހަދާލަން ހަމަ ފައްކާ މަހެކެވެ. އޭގައި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް ހިމެނޭއިރު "ޕްރޮޓީން"ވެސް ވަރަށް ގިނަ އަދަދަށް އެކުލެވެ އެވެ.
އެ މަސް ބާނައިފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެކެވެ. ކޮންމެ ދުވަހަކުވެސް މަހަށް ގޮސް އުޅޭ ޕެރެޑައިސްގެ މުވައްޒަފުން އެ މަސް ބާނައިފައިވަނީ 60 މީޓަރުގެ އަޑިންނެވެ. މިއީ އާންމުކޮށް ކިސަޑު ހުންނަ ތަންތަނުގައި އުޅޭ މަހެކެވެ.

ޕެރެޑައިސް ރިސޯޓް މުވައްޒަފުން ބޭނި ކޯބިޔާ މަސް-- ފޮޓޯ: އިޝްހާގް
ޕެރަޑައިސްގެ މުވައްޒަފުން އެ މަސް ބާނަން އުޅުނުއިރު އެންމެ ފުރަތަމަ ހީކުރީ މިޔަރެއް ބޭނެން އުޅެނީ ކަމަށެވެ. އެހާ ވެސް މަސް ބޮޑެވެ. މަހުގެ ދިގުމިނުގައި ހަތަރު ފޫޓް ހުރިއިރު ބަރުދަނުގައި 16.4 ކިލޯ ހުއްޓެވެ. ޕެރަޑައިސްގެ ޝެފް އިޝްހާގް ސޯލިހް ވިދާޅުވާ ގޮތުން ނަމަ މިއީ ރާއްޖޭގައިވެސް ބޭނި އެންމެ ބޮޑު ކޯބިޔާ މަހެވެެ.
ބަލާ ބެލުމަށް މި މަސް ވައްތަރީ އައްޓަ މަހަކާ އެވެ. އައްޓަ މަހަކީ ދިވެހިން އާންމުކޮށް ކައިއުޅޭ މަހެއްވެސް ނޫނެވެ. ކޯބިޔާ މަހަށްވެސް ވަނީ ހަމަ އެހެންނެވެ. އޭގެ ބޭނުން ރަނގަޅަށް އެނގިފައި ނުވާތީ ގިނަ ފަހަރު ބޭނުނަސް އެއްލާލާކަމަށް އިޝްހާގު ވިދާޅުވި އެވެ.
"ހަގީގަތުގައި މިމަހުގެ އަސްލު ވެލިއު ރަނގަޅަށް ނޭނގޭ. އެހެންވެ މިފަދަ އަގުބޮޑު މަހެއް ރާއްޖޭގައި ބޭނުނަސް ރަނގަޅަށް މާކެޓް ނުކުރެވޭ. އެނގިލައްވާނެ ބޭރުތަންތަނގަ ބޮޑެތި ޔެލޯ ފިން ޓޫނާވެސް އެބަހުރި ވަރަށް އަގުބޮޑުކޮށް ވިއްކާލައިފަ. މިވައްތަރުގެ ކޯބިޔާ މަސް ޖަޕާން ތަންތާނގަ އެބަ ބޭނުންކުރޭ ސުޝިމީ އާއި ޕޮކީ ސެލެޑް ފަދަ އަގޮބޮޑެތި އެއްޗެތި ހަދަން. ރާއްޖެއިން މިފަދަ މަހެއް ބޭނުނަސް މީގެން ހޯދެން ޖެހޭ ނަފާ ގިނަ ފަހަރު ނުހޯދޭ." އިޝްހާގު ވިދާޅުވި އެވެ.

ކޯބިޔާ މަހުން ތައްޔާރުކުރި ސަޝިމީ ޕްލެޓާ ޑިޝް--ފޮޓޯ: އިޝްހާ
އިޝްހާގު މިއަދު ވަނީ ކޯބިޔާ މަހުގެ މީރުކަން ޕެރެޑައިސްގައި ތިބި ފަތުރުވެރިންނަށް ދައްކާލައިފަ އެވެ. މުރަކަ މަހުން އޭނާ ތައްޔާރުކުރީ "ބޭކަޑް ސްޓީކް" ކިޔާ ޑިޝްއަކާއި ސަޝިމީ ޕްލެޓާއެކެވެ. އޭގެ ތެރެއިން ބޭކަޑް ޑިޝް 30 ޑޮލަރަށް މީހަކަށް ވިއްކިއިރު ސަޝިމީ ވިއްކާފައިވަނީ އެންމެ 120 ޑޮލަރަށެެވެ.

ކޯބިޔާ މަހުން ތައްޔާރުކުރި ބޭކަޑް ސްޓީކް ޑިޝް--ފޮޓޯ: އިޝްހާ
"ފަތުރުވެރިންނަށް ވަރަށް ކަމުދިޔަ ރަހަ. މިއަދު ކެއުމުގައި ބައިވެރިބި 80 ގެސްޓުންގެ ތެރެއިން 75 ގެސްޓުން ނެގި ބޭކަޑް ސްޓީކް. ބުނީ ވަރަށް މީރޭ. މީގެ ރަހަ ވައްތަރީ ޖަޕާނުގައި ސުޝިމީ ހަދަން ބޭނުންކުރާ ހަމަޗީ މަހުގެ ރަހަޔާ. ދެން ސަޝިމީ ހެދީ ހާއްސަ ޑިޝްއެއްގެ ގޮތުގައި އެންމެ ހަތަރު މީހުންނަށް އެކަނި" އިޝްހާގް ވިދާޅުވި އެވެ.
އެޑިޓަރުގެ ނޯޓު:މި ޚަބަރުގައި ކުރިން "މުރަނގަ މަސް"ކަމަށް ލިޔެވިފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ "ކޯބިޔާ މަސް"އެވެ. މިކަމަށްޓަކަިއ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.