03 Sep 2020, 13:58
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން މިއަދު ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ނުގެންދާނެ ކަމަށެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ކެންސަލްކޮށްލުމަށް ނިންމާފައިވާއިރު އެ މުބާރާތަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދަކަށް ސްކޫލުކުދިން ބައިވެރިވަމުން އަންނަ މުބާރާތެކެވެ.
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ 33 ވަނަ ގައުމީ ގުރުއާން މުބާރާތުގައި 1،273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިދިޔަ އަހަރުގެ ގުރުއާން މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ އަހަރެވެ. އަދި މީގެ ކުރީން އެންމެ ތަނެއްގައި ކުރިއަށް ގެންދިޔަ ގައުމީ ގުރުއާން މުބާރާތް މިދިޔަ އަހަރު ވަނީ އެއް ފަހަރާ ދެތަނެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ހޯލާއި ކީރިތި ގުރުއާނާބެހޭ މަރުކަޒުގައި އެއް ވަގުތެއްގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
މިދިޔަ އަހަރު ގުރުއާން މުބާރާތުގައި އެއްވަނަ ހޯދާފައިވަނީ އިމާދުއްދީން ސްކޫލުގެ ދަރިވަރެއް ކަމަށްވާ މުހައްމަދު ޝާއީ މުބާރިކް އެވެ.