ޓޫރިޒަމް ފައްކާކުރަން މާލެ އަތޮޅުގެ އުތުރުގައި އޮންނަ ރަށްފަޅު ހުރާ ހިއްކަން ފެށީ 2017 ވަނަ އަހަރުގަ އެވެ. މިހާރު އެ ފަޅަށް ބަލައިލާއިރު މަސްނޫއީ ހަތަރު ރަށެއް ފެންނަން އެބައޮތެވެ. ނަމަކަށް ކިޔަނީ "ފަރި އައިލެންޑްސް" އެވެ.

މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ހުޅުވަން މަސައްކަތް ކުރަމުންދާ ފަރި އައިލެންޑްސްއަށް އަންނާނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ތިން ރިސޯޓު ބްރޭންޑެވެ. އެއީ ސިންގަޕޫރުގެ ކަޕެއްލާ ހޮޓެލްސް ގްރޫޕު އަދި އެ ގްރޫޕުގެ ދަށުން ހިންގާ ޕެޓީނާ ގްރޫޕް އަދި އެމެރިކާގެ ރިޓްޒް ކާލްޓަން ބްރޭންޑެވެ.

ކަޕެލާ މޯލްޑިވްސް

މިއީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެންމެ ޒަމާނީ ފެސިލިޓީތަކާއެކު ހުޅުވާ މި ރިސޯޓުގައި 57 ކޮޓަރި ހިމެނޭނެ އެވެ. އޭގެ ތެރޭގައި އޯޝަން ވިލާތަކާއި ސުޕީރިއާ މޭންޝަން ވެސް ހިމެނެ އެވެ.

ކަޕެލާ މޯލްޑިވްސްގެ ޖެޓީ ސަރަހައްދު-- ފޮޓޯ/ކަޕެލާ ހޮޓެލްސް

މިތަނުގައި ހިމެނޭ ބައެއް ސިފަތަކަކީ؛

  • ޕްރައިވެޓް ކޮންސަލްޓޭޝަން ރޫމްތަކާއެކު ހިމެނޭ ރިސެޕްޝަން އޭރިއާއެއް

  • ސެލޮން (ދެ ހެއާ ސްޓޭޝަން އަދި ދެ ނެއިލް ސްޓޭޝަނާއެކު)
  • ފިޓްނަސް ސެންޓަރު
  • ވީއައިޕީ ސްޕާ ސުއީޓް

ކަޕެލާ މޯލްޑިވްސްގެ ސްޕާއެއް-- ފޮޓޯ/ ކަޕެލާ ހޮޓެލްސް

ފަސް ތަރީގެ ކަޕެއްލާ މޯލްޑިވްސް ހުޅުވަން ރާވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ.

ޕެޓިނާ މޯލްޑިވްސް

މިއީ ކަޕެއްލާ ގުރޫޕުގެ ދަށުން ހިންގާ ޕެޓިނާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ޕްރޮޖެކްޓެވެ. މި ރިސޯޓުގައި 90 ވިލާ ތަރައްގީކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 1-3 ކޮޓަރީގެ ވިލާތަކެވެ.

ފަރި އައިލެންޑްސްގައި ހިމެނޭ ރަށްތަކުގެ ތެރެއިން ޕެޓިނާ މޯލްޑިވްސް ހިމެނޭ ރަށަކީ ފަރި މެރީނާ ވިލެޖް އަދި ބީޗް ކްލަބް ވެސް ހިމެނޭ ރަށެވެ.

ޕެޓިނާ މޯލްޑިވްސް-- ފޮޓޯ/ ޕެޓިނާ ހޮޓެލްސް

މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޕެޓީނާ މޯލްޑިވްސް ހުޅުވާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، މިހާރު އެ ރިސޯޓުގެ ހުޅުވޭނެ ކަމަށް ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގަ އެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް

ފަރި އައިލެންޑްސްގައި ހުޅުވާ ރިޓްޒް ކާލްޓަންގެ ރިސޯޓަކީ 100 ކޮޓަރިއާއި ފަސް އެފްއެންބީ އައުޓްލެޓް ހިމެނޭ ރިސޯޓެކެވެ.

މި ރިސޯޓު ވެސް ތަރައްގީކުރަމުންދަނީ ޒަމާނީ ފިޓްނަސް އަދި ރެކްރިއޭޝަނަލް ފެސިލިޓީތަކާއެކުގަ އެވެ.

މިއީ އެމެރިކާއަށް ނިސްބަތްވާ ރިޓްޒް ކާލްޓަން ކުންފުނިން ވެސް ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. ދުނިޔޭގެ 30 ގައުމެއްގައި 108 ލަގްޒަރީ ފެންވަރުގެ ރިސޯޓާއި ހޮޓެލް މިހާރު ވެސް އެ ގްރޫޕުން ދަނީ ހިންގަމުންނެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް ހުޅުވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.

ފަރި މޯލްޑިވްސްގެ ހަތަރު ރަށުގެ ތެރެއިން ތިން ރަށުގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑުތަކުގެ ތިން ރިސޯޓެއް ހުޅުވާއިރު، ހަތަރުވަނަ ރަށް ހާއްސަކޮށްފައިވަނީ ފަރި ވިލެޖްގެ ނަމުން ނަންދީފައިވާ ހޮސްޕިޓަލިޓީ ކެޕްމަސްއެއް ތަރައްގީ ކުރުމަށެވެ. އެ ކެމްޕަސްގައި ފަތުރުވެރިކަން އުނގަންނައިދިނުމުގެ އިތުރުން ދާއިރާއާ ގުޅުންހުރި އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑްބޯޓެއްގައި 50 މިނެޓުން ދެވޭ ފަރި އައިލެންޑްސްއަކީ ރާއްޖޭގެ ދެވަނަ އިންޓެގްރޭޓަޑް ޓޫރިޒަމް މަޝްރޫއު އެވެ. މިފަދަ ފުރަތަމަ މަޝްރޫއަކީ ތައިލެންޑުގެ ސިންގްހާ ކުންފުނިން އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރި ކްރޮސްރޯޑްސް މޯލްޑިވްސް އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި މިހާރުވެސް ހިލްޓަންގެ ބްރޭންޑެއް ކަމުގައިވާ ސައި ލެގޫންގެ ރިސޯޓަކާއި ހާޑް ރޮކް ބްރޭންޑުގެ ހޮޓެލްއެއް ހިންގައެވެ. އަދި ހާޑް ރޮކް ކެފޭއާއި ކެފޭ ޑެލް މާ އަދި މިނިސްޓްރީ އޮފް ކްރެބް ފަދަ ނަން މަޝްހޫރު ރެސްޓޯރަންޓްތައްވެސް ހުރެއެވެ.