03 Sep 2020, 13:21
ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލްތަކުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ނިންމީ ކޮވިޑްގެ މިހާތުގެ ހާލަތައް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.
އޮންލައިންކޮށް ކިޔެވުންގެންދަން ނިންމި ނަމަވެސް މިހާލަތުން ގްރޭޑް 11 އަދި 12 އިގެ ދަރިވަރުން އިސްތިސްނާ ވާނެއެވެ. އެއީ އެ ކުދިންގެ އޭލެވެލް އިމްތިހާންތަކަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ގްރޭޑްތަކުގެ ދަރިވަރުން މިހާރުވެސް ސްކޫލަށް ގޮސް ކިޔަވަމުންދެއެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.
މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އޮތް ދުވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.
ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.
ކޮވިޑާ ގުޅިގެން މާލެ ފުރަބަންދުކުރުމަށް ފަހު ހުޅުވާލިފަހުން މިފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާ މީހުން އަދަދު މާލޭގައި އުޅެނީ އެވްރެޖްކޮށް 100 އިން މަތީގައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 8،140 މީހުން ފެނިފައިވާއިރު ބަލީގައި 29 މީހުން ވަނީ މަރުވެފައެވެ.