14 Jan 2012, 09:24
ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކަވާ ކަމަށް ބުނެ، ސިޔާސީ ބޭފުޅުން އިރުއިރުކޮޅާ ހައްޔަރު ކުރާތީ އެފަދަ އަމަލުތައް ތަކުރާނު ނުކުރާވަރުގެ ބަދަލެއް ހޯއްދަވައި ދެއްވުމަށް ކޯޓްގައި އެދިވަޑައިގަންނަވާނެ ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ޕާޓީގެ އިސްވެރިންތަކެއް އިރުއިރުކޮޅާ ފުލުހަށް ހާޒިރުވުމަށް މަސައްކަތް ކުރަމުން ދާތީ ޑރ. ހަސަން ރޭ ވިދާޅުވީ ގާނޫނު އަސާސީ އިން ދިވެހިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ސަރުކާރުން މިހާރު ނިގުޅައިގެންފައިވާ ކަމަށެވެ. އެގޮތުން ކޯޓް އަމުރަކާ ނުލައި މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް އެކަން މިހާރު ބޭކާރު ވެފައިވާ ކަމަށް ޑ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މީހުން ހައްޔަރު ކުރުމުން ލިބުނު ގެއްލުމުގެ ބަނދަލަށް ދައުވާ ކުރާ އިރު ދައުލަތުގެ ހަޒާނާ އިން ކުޑަ އެތިކޮޅަކުން ނިންމާލެވޭ ވަރުގެ ބަދަލަކަށް ނޭދޭނެ ކަމަށެވެ. އަދި މަދަނީ ބަދަލު ހޯދުމަށް ދައުވާ ކުރަނީ ވަކިވަކި މުއައްސަސާއެއްގެ މައްޗައްތޯ ނުވަތަ އެ މުއައްސަސާތަކުގެ ވަކި ބޭފުޅުންގެ މައްޗައްތޯ މަޝްވަރާ ކުރުމަށް ފަހު ކަނޑައަޅާނެ ކަމަށް ކުރީގެ ބަނޑާރަ ނައިބު އަދި ޖިނާއީ ކޯޓްގެ އިސް ގާޒިކަން ވެސްކޮށްފައިވާ ގާޒީ ޑރ. ހަސަން ވިދާޅުވި އެވެ.
"ދައުވާ ކުރާ އިރު މިފަދަ ކަންތައް ތަކުރާރު ނުވާވަރުގެ ބަދަލަށް އަޅުގަނޑުމެން އެދޭނަން. އެހެންނޫނިއްޔާ މިވާގޮތަކީ ކުޑަކުޑަ ބަދަލެއްދީފައި ފުލުހުންނަށް ހިއެއްނުވޭ ބަދަލެއްހެން. ދައުލަތުގެ ހަޒާނާ އިން ކުޑައެތިކޮޅެއްދީ ނިންމާލަނީ. މިފަހަރު އަޅުގަނޑުމެން އެދެނީ މިބާވަތުގެ އަމަލުތައް ތަކުރާރު ނުވާވަރުގެ ބަދަލެއް ކަނޑައަޅައިދިނުމަށް،" ޑރ. ހަސަން ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުން އެކި ތުހުމަތުތަކުގައި އެމްޑީޕީގެ ސަރުކާރުން ހައްޔަރު ކުރަމުންދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އިޝާރާތް ކުރައްވައި ޑރ. ހަސަން ވިދާޅުވީ އެމެރިކާގެ ސެކަރެޓަރީ އޮފް ސެޓޭޓް ހިލަރީ ކުލިންޓަން ފިޔަވައި އެ ގައުމުގެ ސްޓޭޓް ޓިޕާޓްމަންޓްގެ އެންމެ މައްޗަށް އެމައުލޫމާތުތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.
"އެމެރިކާއާ ބަރާބަރަށް މިހަބަރުތައް އަޅުގަނޑުމެން މިދަނީ އަބްޑޭޓް ކުރަމުން. ކޮމަންވެލްތަށް އަޅުގަނޑުމެން މިދަނީ ބަރާބަރަށް އަބްޑޭޓް ކުރަމުން. އެމްނެސްޓީ އިންޓަނޭޝަލް މި މައުލޫމާތުތައް އަޅުގަނޑުމެން މިދަނީ ދެމުން. އެ ބޭފުޅުންނަށް ސަންދާނު އަހަންމައިދީއަކީ އާބޭފުޅެއް ނޫން،"
ޑރ. ހަސަން ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް ރައީސް ނަޝީދު ކުރައްވަމުންދާ ތުރާއާ ގުޅިގެން ޖުމްހޫރީ ފޭރާމެއްގެ ނަމުގައި ބޭރު ދުނިޔެއަށް ފެންނަން ހުރި ރައީސް ނަޝީދުގެ ހާގީގީ ސޫރަ އެބޭފުޅުންނަށް މިހާރު ރަނގަޅަށް އިނގޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިލިބުނީ ފުރުސަތެއް މިކަންތައް ދުނިޔެއަށް ކިޔައިދޭން. މިހާ ހިސާބުން ދުނިޔެ ގަބޫލް ކުރައްވާނެ ރައީސް ނަޝީދަކީ ޑިމޮކްރަސީއަށް ލޯބިކުރައްވާ ބޭފުޅެއް ނޫންކަން،"