03 Sep 2020, 16:35
ވޮޝިންޓަން (ސެޕްޓެމްބަރު 03) : ޗައިނާ ދަނީ ވަރަށް ވިސްނުންތެރިކަމާއެކު އެގައުމުގެ އަސްކަރީ މުއައްސަސާ ވަރުގަދަކުރަމުން ކަމަށާ ޗައިނާ އަދާކުރާ ބައިނަލްއަޤުވާމީ އިގްތިސާދީ ދައުރުގައި އަސްކަރީ ބާރުގެ ބޭނުން ހިފުމުގެ ވިސްނުން ޗައިނާ ގެންގުޅޭ ކަމަށް ބުނެ އެމެރިކާ އިން ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއްކޮށްފި އެވެ.
ޗައިނާގެ އަސްކަރީ ބާރާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ނެރެ ޝާއިޢުކުރި ދިރާސާ ރިޕޯޓެއްގައި ޥާގޮތުން ފާއިތުވި 20 އަހަރުތެރޭގައި އެމެރިކާ ލަފާ ކުރެވިފައިނުވާ ވަރަށް ޗައިނާއިން އެގައުމުގެ ސިފައިންގެ މުއައްސަސާ ވަރުގަދަކޮށް ޒަމާނީކޮށްފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޕެންޓަގަންގެ ރިޕޯޓްގައި ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް
ޕެންޓަގަންގެ ރިޕޯޓްގައިވާގޮތުން ޗައިނާއަކީ ނިއުކްލިޔާ ބާރެއް ނަމަވެސް މީގެ 20 އަހަރުކުރިން (ދެހާސްވަނައަހަރު) ޗައިނާގެ ސިފައިންނަކީ އެމެރިކާ ގެ ސިފައިންގެ މުއައްސަސާއާ ފައިހަމަކޮށްލެވޭވަރަށްވުރެ ޓެކްނޮލޮޖީގެ ގޮތުންނާއި ތަމްރީންގެ ގޮތުންނާ އަދި ލޮޖިސްޓިކް ގޮތުން ވަރަށް ބޮޑުތަން ފަހުގައި އޮތް ބާރެކެވެ. އަދި ހަތިޔާރުގެ ސިނާއަތުގައިވެސް މީގެ 20 އަހަރު ކުރިން ޗައިނާ އޮތީ އެމެރިކާއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ފަހަތުގައެވެ.

ޗައިނާ ގެ ޒަމާނީ ޓެކްނޮލޮޖީގެ ނިއުކްލިޔާ މިސައިލް
ނަމަވެސް ފާއިތުވި 20 އަހަރުތެރޭގައި އެމެރިކާއަށް ގަބޫލުކުރަން ދަތި މިންވަރަށް ޗައިނާ އެގައުމުގެ ސިފައިން ގެ މުއައްސަސާވަނީ ޓެކްނޮލޮޖީގެ ގޮތުންނާއި ތަމްރީންގެ ގޮތުންނާ އަދި ލޮޖިސްޓިކް ގޮތުންނާއި އޮގަނައިޒޭޝަންގެ ގޮތުން ވަރަށް ރޭވުންތެރިކަމާއެކު ކުރިޔަށް ޖައްސާލާފައެވެ.
ބައެއް ދާއިރާތަކުގައި ޗައިނާވަނީ އެމެރިކާއަށްވުރެ ކުރިއަރާފައި
ހަތިޔާރުގެ ޓެކްނޮލޮޖީއަށް ބަލާއިރު ވެސް ޗައިނާގެ ކުރިއަރާފައި ވަނީ އާދަޔާ ޚިލާފު ހަލުއި ދުވެއްޔެއްގައި ކަމާއި ޒަމާނީ ޓެކްނޮލޮޖީގެ ބައެއް ދާއިރާތަކުގައި އެމެރިކާއަށް ވުރެ ވެސް ޗައިނާ މާބޮޑަށް ކުރިއަރާފައިވާ ކަމާއި ޗައިނާގެ ސައެންޓިފިކް ރީސާޗްތައް އެމެރިކާއަށް ވުރެ މިހާރު ގިނަކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާއަށް ވުރެ ޗައިނާ އަރާފައިވާ ދާއިރާތަކުގެ ތަފްސީލު ހާމަކޮށްފައެއެއް ނުވެ އެވެ. އެތަފްސީލް ހާމަކޮށްފައި ވަނީ މިރިޕޯޓާއެކު ނެރެފައިވާ ސިއްރު ސަޕްލިމެންޓެއްގަ އެވެ. އެ ސަޕްލިމެންޓް މިޑިއާއަށް އާންމު ކޮށްފައެއްނުވެ އެވެ.
ޕެންޓަގަންގެ ރިޕޯޓްގައި ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ޗައިނާ ސިފައިންގެ ނިއުކުލިއާ ހަތިޔާރުގެ ޢަދަދު ވެސް އަދި އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްގެ އަދަދު ވެސް ދެގުނައަށް އިތުރުކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޗައިނާގެ އަމާޒަކީ އިގްތިސާދާއި ތަރައްގީއާއި އިންފްރާސްޓްރަކްޗާ
ޗައިނާ ބުނާ ގޮތުން އެގައުމު ގެ އަމާޒަކީ އިގްތިސާދާއި އިންފްރާސްޓްރަކްޗާއާއި ތަރައްގީ އެވެ. އަސްކަރީ ބާރެއް ނޫނެވެ. އެމެރިކާ ގޮތަށް އަސްކަރީ ބާރުތަރައްގީ ކޮށް ދުނިޔެއަށް ހަންފެތުރުމުގެ ބަދަލުގައި އިގްތިސާދު ތަރައްގީކޮށް މަދަނީ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށެވެ. އަދި އެމެރިކާއަށް މިހާރު ކުރިމަތިވަމުންދާ ގޮތަށް ލިބޭ އާމްދަނީއަށް ނުތަކާވަރަށް އަސްކަރީ ބާރު ގަދަކޮށްގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަސްކަރީ ބޭސްތައް ގާއިމްކޮށްގެން ދުނިޔޭގައި ފުލުހެއްގެ ދައުރު އަދާކުރުމަކީ ޚަރަދުބޮޑު ބޭކާރުކަމެއްކަމަށާ އެކަންކޮށްގެން ފައިސާ އިސްރާފު ނުކުރާނެކަމަށް ޗައިނާ ތަކުރާރުކޮށް ބުނެއެވެ.
އެމެރިކާގެ އަމާޒަކީ ހަންފަތުރައިގެން ބައިނަލްއަގްވާމީ ފުލުހެއްގެ ބައި އަދާކުރުން
ނަމަވެސް އެމެރިކާއަށްވުރެ މާބޮޑަށް އިގްތިސާދީ ގޮތުން ދުނިޔޭގައި ޗައިނާގެ ބާރު މިހާރު ގަދަވަމުން ދާކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެމެރިކާއަށް އިގްތިސާދީގޮތުން ޗައިނާއާ އެއްވަރަށް ދުނިޔޭގެ ގައުމުތަކުގައި ވަކި ހިއްޕައި ނުލެވެނީ އަސްކަރީ ކަންކަމަށް އެމެރިކާ ކުރާ ޚަރަދުތަކުގެ ބޮޑުކަމުންނާއި ދުނިޔޭގައި ފުލުހެއްގެ ބައި އަދާކުރަން އެމެރިކާ ކުރަންޖެހޭ ބޮޑު ހޭދައިގެ ބޮޑުކަމުން އިގްތިސާދީ ކަމަށް ޚަރަދު ކުރާނެ ފައިސާ އެމެރިކާގައި ނެތުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ބެލްޓް އެންޑް ރޯޑް މަޝްރޫއު ދުނިޔޭގެ ގިނަ ގައުމުތަކެއް ޗައިނާއާ ގުޅާލާގޮތް
ދުނިޔޭގެ 123 ގައުމެއްގައި ބެލްޓްއެންޑް ރޯޑު މަޝްރޫއުގެ ދަށުން ޗައިނާ ގެންދަނީ އިންފްރާސްޓްރަކްޗާ ދާއިރާގައި ވަރަށް ވަރުގަދައަށް އިންވެސްޓް ކުރަމުންނެވެ. މިއިންވެސްޓްމަންޓް ތަކުގެ އަދަދު އެއްހާސް ބިލިޔަން ޑޮލަރަށް އަރައެވެ. މިއާއެކު އެގައުމުތަކުގައި އެމެރިކާގެ ބާރު ކުޑަވެ ޗައިނާގެ ބާރާއި ނުފޫޒު ހަގީގަތުގައިވެސް ވަނީ ގަދަވާން ފަށާފައެވެ. ބެލްޑް އެންޑް ރޯޑުގައި އެމެރިކާއާއި އެމެރިކާގެ ބަސްއަހާ ގައުމުތައް ބައިވެރިއެއް ނުވެއެވެ. އެގައުމުތަކުން ގެންދަނީ އެއީ ބިރެއްކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ އިގްތިސާދީ ދައުރާމެދު އެމެރިކާގެ ކަންބޮޑުވުން އިންތިހާއަށް
ޗައިނާ ދުނިޔޭގައި އަދާކުރާ އިގްތިސާދީ މިވަރުގަދަ ދައުރުގައި އަސްކަރީ ބާރުގެ ބޭނުން ހިފުމުގެ ރޭވުމެއްނެތްކަމަށް ޗައިނާ ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް ޕެންޓަގަންގެ ރިޕޯޓްގައި މިއީ ޗައިނާ ވަރަށް ހިކްމަތްތެރިކަމާއެކު ކުރިޔަށް ގެންދާ ދައުރެއްކަމަށް ބުނެފައިވެއެވެ. ޗައިނާ ދުނިޔޭގެ 123 ގައުމުގައި އަދާކުރާ ވަރުގަދަ އިގްތިސާދީ ދައުރުގައި އަސްކަރީ ބާރުވެރިކަމުގެ ބޭނުން މުސްތަގްބަލްގައި ހިފާނެކަމަށް އަންދާޒާ ކޮށްއެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައިވެ އެވެ.

ބެލްޓް އެންޑް ރޯޑު މަޝްރޫއުގެ ދަށުން ޗައިނާއިން ދުނިޔޭގެ ގައުމުތަކުގައި ގެންދަނީ ބްރިޖްތަކާއި މަގުތަކާއި ހައިވޭތަށް ބިނާކުރަމުން
މިގޮތުން ޗައިނާ ބައިނަލްއަގްވާމީ އިގްތިސާދީ ދައުރުގައި އަސްކަރީ ބޭނުން ހިފާނެގޮތް ފާއިތުވި އަހަރުތަކުގައި ޗައިނާ ދަސްކޮށްފައިވާ ކަމަށްބުނެ އެ ބޭނުން ޗައިނާ ހިފަން ފަށައިފި ނަމަ ބާރާއި ނުފޫޒުގެ ގޮތުން ކުރިޔަށްއޮތް އަހަރުތަކުގައި އަތްނުފޯރާ ހިސާބަށް ޗައިނާ ދާނެކަމުގެ ކަންބޮޑުވުންވެސް ޕެންޓަގަންގެ ރިޕޯޓްގައި ފާޅުކޮށްފައިވެއެވެ.
2026 ގައި އިގްތިސާދީ ގޮތުން އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދާނެ
ދެހާސް ސައްބީސް ވަނަ އަހަރަށް ދާއިރު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާގެ އިގްތިސާދު ކުރިޔަށްދާނެ ކަމަށް މުހައްލިލުންނާއި ތަޖްރިބާކާރުންނާއި މަލީ މުއައްސަސާތަކުން ގާތްގަނޑަކަށް ޔަގީންކޮށްފައިވާއިރު މިހާރުވެސް ޗައިނާގެ ވޯކްފޯސް އެމެރިކާގެ މުޅި އާބާދީއަށްވުރެ ތިން ގިނަ އިތުރުކަން ފާހަގަކޮށް ޗައިނާގެ ކުރިމަތީގައި މުސްތަގްބަލްގައި އެމެރިކާއަށް ހިފަހައްޓާނުލެވޭނެކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.
ބެލްޓްއެންޑް ރޯޑުގެދަށުން 123 ގައުމެއްގައި ޗައިނާ އެއްޓްލިޔަން ޑޮލަރު އިންވެސްޓްކުރޭ
ޗައިނާގެ ބެލްޓްއެންޑް ރޯޑު މަޝްރޫއުގެ ދަށުން އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ 123 ގައުމެއްގައި ޗައިނާ ކުރާ ބިޔަ އިންވެސްޓްމަންޓްތަކުގެ މިންވަރު އެއްޓްރިލިޔަން ޑޮލަރަށް އަރައެވެ. މި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރަންޖެހިއްޖެ ހާލަތެއްގައި ޗައިނާއިން އަސްކަރީ ބާރު ބޭނުންކުރާނެކަމަށް ބުނެ ޗައިނާއަކީ ބިރެއްކަމަށް ދައްކަން އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަސައްކަތް ކުރަންވަނީ ފަށާފައެވެ.
އިގްތިސާދީ ހިނަރުކަމާއެކު ދުނިޔޭގެ ފުލުހެއްގެ ދައުރު އަދާކުރަން އެމެރިކާ ނުކުޅެދިފާނެ
އެމެރިކާ ކަންބޮޑުވަނީ ޗައިނާއާ އަޅާބަލާއިރު ދުވަހެއް ދުވަހަކަށް އެމެރިކާގެ އިގްތިސާދު ހީނަރުވަމުންދާތީ އެމެރިކާ ދުނިޔޭގައި އަސްކަރީ ބާރު ބޭނުންކޮށްގެން ޒާމާނުއްސުރެ އަދާކުރަމުން ގެންދާ ފުލުހެއްގެ ބައި އަދާކުރުމަށް ބޭނުންވާ ޚަރަދު އެމެރިކާއަށް ނުކުރެވިދާނެ މައްސަލައިގައެވެ.
އިގްތިސާދު ހީނަރުވާނަމަ އަސްކަރީ ޚަރަދުތައް ކުޑަކުރަން ޖެހިދާނެކަމުގެ ބިރުހިވާ މައްސަލައިގައެވެ. އެމެރިކާ މިހާރުވެސްވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުން ފައިބަން ފަށާފައެވެ. އަސްކަރީ ޚަރަދުތައް ބޮޑުވުމުން އެމެރިކާގެ މަދަނީ އިންފްރާސްޓްރަކްޗާ ބަލިކަށިވެ އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ގާއިމް ނުކުރެވޭ މައްސަލަ އެމެރިކާއަށް މިހާރުވެސްވަނީ ދިމާވާން ފަށާފައެވެ. (ނޫސްއެޖެންސީތައް)