03 Sep 2020, 10:56
ވޮޝިންޓަން (ސެޕްޓެމްބަރު 03) : އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެމެރިކާގެ ރައްޔިތުންނަށް ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ކަންތައް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ޑައިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތަކުގެ ގަވަރުނަރުންނަށް ފޮނުއްވި ސިޓީއެއްގައި ރޮބަޓް ރެޑްފީލްޑް ވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ކަންތައް ހުރިހާ ސްޓޭޓްތަކެއްގައި ފެށުމަށް ވާންޖެހޭ އިދާރީ އަދި ލޮޖިސްޓިކް ތައްޔާރީތައް ވުމަށް އެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު 3 ގަ އެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ އެންމެ ދެދުވަސްކުރިން ކޮވިޑް-19ގެ ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ދޭން ފެށުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވުމަށް މަގުފަހި ކުރުމުގެ ގޮތުން އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) މެދުވެރިކޮށް ޓްރަމްޕް ކުޅުއްވާ ސިޔާސީ ކުޅިއެއްކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމެރިކާގެ ސީޑީސީގެ ވެރިޔާ ރޮބަޓް ރެޑްފީލްޑް
އެމެރިކާގައި ދަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އެތަށް ވެކްސިންއެއް ތައްޔާރު ކުރަމުންނެވެ. މީގެ ތެރެއިން ދެ ވެކްސިންއެއްވަނީ ކާމިޔާބުވާނެކަން ކަށަވަރު ކުރެވިފައިވެ އެވެ.
މިދިޔަ މޭ މަހު މިދެ ވެކްސިން ބޭނުންކޮށްގެން ކުރި ކްލިނިކަލް ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު އެދެ ވެކްސިން ބޭނުންކުރުމުން ކޮވިޑް-19 ޖައްސާ ވައިރަސް ހަށިގަނޑުން ނައްތާލެވޭ ވަރަށް އެ ދެވެކްސިނުން ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމުން އެންޓިބޮޑީސްތައް އުފައްދާކަން އިލްމީގޮތުންވަނީ ޔަގީން ކުރެވިފަ އެވެ.
ނަމަވެސް އެދެވެކްސިން ވިޔަފާރި އުސޫލުން އުފެއްދުމަށާއި އަދި އާންމުންގެ ގަޔަށް ޖެހަން ފެށުމުގެ ކުރިން ތަޖްރިބާގެ އެއްމަރުހަލާ އަދި ކަޑައްތު ކުރަންޖެހެ އެވެ. އެމަރުޙަލާ ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އެމެރިކާގެ އާންމު ސިއްހަތާ ބެހޭ ފެޑްރަލް އިދާރާއެއްކަމަށްވާ "ހެލްތް އެންޑް ހިއުމަން ސާވިސަސް ޑިޕާޓްމަންޓް" އިން ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެންމެ ފަހުގެ ތަޖްރިބާ ނިމި މިދެ ވެކްސިން ރަޖިސްޓްރީކޮށް ވިޔަފާރީގެ އުސޫލުން އުފައްދައި އެކްސްޕޯޓް ކުރުމުގެ ހުއްދަ ފެޑްރަލް ލެވެލްގައި ދެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފަ އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެމެރިކާ އާދަޔަ ޚިލާފަށް ނުކުޅެދިފައިވާތީއާއި އެ ވައިރަސްގެ ސަބަބުން އެމެރިކާގައި ލައްކައިން މީހުން މަރުވެ އިގްތިސާދު އިނދަޖެހެމުންދާތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުންތައް އަމާޒުވެ އޭނާގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ދަދަށްގޮސްފަ އެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބުގެ ކުރިން މިމައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ކޮވިޑް-19ގެ ވެކްސިން އެމެރިކާގެ ރައްޔިތުންނަށް ދޭން ފެށުމަކީ ޓްރަމްޕްގެ ވަރަށް ބޮޑު އުންމީދެކެވެ. މިކަމަށްޓަކައި ވެކްސިން އުފައްދާ ކުންފުނިތަކަށާއި އެމެރިކާގެ އާންމު ސިއްހަތާ ބެހޭ ފެޑަރްލް އިދާރާތަކަށް ސިޔާސީ ވިސްނުމެއްގައި ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ޑައިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް ފޮނުއްވި ސިޓީގައި ކޮވިޑް-19ގެ ވެކްސިންއަށް އެސްޓޭޓްތަކުގެ ލޯކަލް ސަރުކާރުގެ އިދާރާތަކުން ދޭން ޖެހޭ ލައިސަންސްތަށްދީ ވެކްސިން ރަޖިސްޓްރީ ކުރަން ޖެހޭ ކަންތައްތައް އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ނިންމުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އަދި އެރޯގާގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވަމުންދާ އަދި އެރޯގާގެ ގެއްލުންވެސް ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް ތަހައްމަލް ކުރަން ޖެހިފައިވާ ގައުމެވެ.
ކޮވިޑް-19 އަށް ވެކްސިން އެއް ނުވަތަ ބޭހެއް އަވަސްގޮތަކަށް ނުހޯދިއްޖެނަމަ އެމެރިކާގެ އިގްތިސާދު އަންނަ އަހަރުގެ ތެރޭގައި އިނދަޖެހި އެމެރިކާގައި ފަގީރުކަން އާންމުވެގެންދާނެކަމުގެ އިންޒާރު އެގައުމުގެ އިގްތިސާދީ މާހިރުންވަނީ ދެއްވައިފަ އެވެ. (ނޫސްއެޖެންސީތައް)