ފުލުހުން ހައްޔަރު ކުރި އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ކޯޓަށް ހާޒިރު ކުރަން ކުރި އަމުރަށް ފުލުހުން ކޯޓަށް ހާޒިރު ނުވުމާއި އެ މައްސަލައިގައި ޖަވާބުދާރީވާން ކޯޓަށް ފުލުހުން ހާޒިރު ނުވިނުވުމަކީ ފުލުހުން ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނީ ގައުމީ ޕާޓީގެ މެންބަރު ސަންދާނު އަހަންމާއިދީ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް މިއަދު ކުރި އަމުރާ އެއްގޮތަށް އޭނާ ކޯޓަށް ހާޒިރު ކޮށްދީފައި ނުވުމާއި އެކަމާއި ގުޅިގެން ފުލުހުން ކޯޓަށް ހާޒިރުވާން ނެރުނު އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުނުވުމުން މިރޭ ނޫސްވެރިންނަނަށް މައުލޫމާތު ދެމުންނެވެ.

ސަންދާން އަހަންމައިދީ ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރަށް ތަބާނުވެ ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރި މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވާން ފުލުހުން ކޯޓަށް ހާޒިރުވާން މިރޭ އަމުރު ކުރުމުން ވެސް ފުލުހުން ވަނީ ހާޒިރު ނުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް ވިދާޅުވީ މިރޭ 7:45 އެހާކަންހާއިރު ފުލުހުންގެ ފަރާތުން އަޒީފް އައްބާސް ކިޔާ ބޭފުޅަކު ފޯންކޮށް ކޯޓަށް ގުޅުއްވާ އަހަންމައިދީ ދޫކޮށްލައިފީމޭ ދެން ކޯޓަށް ހާޒިރު ނުވާނެކަމަށް ވިދާޅުވި ކަމަށެވެ.

"ފުލުހުންގެ ބޭފުޅެއްކަމަށްވާ އަޒީފް އައްބާސް މިރޭ 7:45 އެހާކަންހާއިރު ގުޅުއްވާފަ ވިދާޅުވި އަހަންމައިދީ މިހާރު ދޫކޮށްލައިފީމޭ ދެން ކޯޓަށް ހާރިރު ނުވާނަމޭ،" އަލީ އާދަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް ކޯޓަށް ވަޑައި ނުގެން ކޯޓްގެ ހުރުމަތް ކަނޑާލުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވީ އަޒީފް އެހެން ވިދާޅުވުމުން އެކަންހިގައިދިޔަ ގޮތް ކޯޓަށް އޮޅުންފިލުވުމަށްޓަކައި ކޯޓަށް ހާޒިރުވާން ޖެހޭނެކަމަށް އެންގި ކަމަށާއި ނަމަވެސް އޭނާ އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ.

އަހަންމައިދީ ހާޒިރުކުރަން ކޯޓުން ނެރުނު އަމުރާއި އެއްގޮތަށް އޭނާ ހާޒިރުކޮށްދީފައި ނުވުމުން އެކަމަށް ޖަވާބުދާރީ ވުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނެރެ މިރޭ 8:24 ގައި ފުލުހުންނާއި ހަވާލުކުރި ކަމަށާއި ނަމަވެސް އެ އަމުރަށް ވެސް ފުލުހުން ތަބާވެފައި ނުވާކަމަށެވެ.

ކޯޓުން ބުނީ އަހަންމައިދީގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ކޯޓަށް ހުށަހެޅި މައްސަލައަކީ ހަމައެކަނި އަހަންމައިދީ ބަންދުން ވީއްލުމަށް އަމުރުކުރުމަށް ހުށަހެޅި މައްސަލައެއް ނޫންކަމަށާއި ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާއި ޚީލާފަށް ކަމަށް ބުނެ އެކަން ބަލައިދިނުމަށް ވެސް އެދައުވާގައި އެދިފައިވާ ކަމަށެވެ.

ފުލުހުން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާއިގުޅިގެން މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ސަންދާން އަހަންމައިދީއާއި އޭނާގެ ދެ ވަކީލުންކަމަށްވާ އަބްދުﷲ ސައީދާއި ޑރ. ހަސަން ސައީދު ވެސް ވަޑައިގެން މިރޭ 8:30 އިން ފެށިގެން 10:00 ޖަހަން ދެން ކޯޓުގައި މަޑުކުރެއްވެވި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް ފުލުހުންނަށް ކުރި އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރު ނުވުމަކީ ފުލުހުން ކޯޓުގެ ހުރުމަތް ކަނޑާލުންކަމަށާއި އެކަމާއި އެ ކޯޓުން ކަންބޮޑުވާކަމަށެވެ.

މަނިކު ވިދާޅުވީ ދިވެހި ރައްޔިތުންގެ ދިނީ އެއްބައިވަންތަކަށް ނަގާލި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރި ގ. ޕާކަރުގޭ އިސްމާއިލް ހިލްއަތު ރަޝީދު ބަންދުގައި ބަހައްޓަން ކޯޓުން ނެރުނު އަމުރުގެ މުއްދަތު ހަމަވުމުން ކޯޓުގެ އެއްވެސް ބަހެއްނެތި ފުލުހުން ހިލްއަތު ދޫކޮށްލާފައިވާ ކަމަށާއި ކޯޓުގެ ބަހެއްނެތި އެއްވެސް މީހަކު އެގޮތަށް ދޫނުކުރެވޭނެ ކަމަށެވެ.

"ހިލްއަތު ބަންދުގައި ބަހައްޓަން ފުރަތަމަ ކޯޓުން އަމުރެއް ނެރުނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު. އެއީ 10 ދުވަހަށް ބަންދުކުރުމަށް. އޭގެފަހުން ޑިސެމްބަރު 25 ވަނަ ދުވަހު އޭނާ އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ. އެ އަމުރުގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ ކޯޓުގެ އެއްވެސް އަމުރަކާއި ނުލާ ހިލްއަތު ދޫކޮށްލާފަ. އެކަމަކީ ކުރެވޭނެކަމެއް ނޫން. ކޯޓުގެ އަމުރެއްގެ ދަށުން ނޫނީ އެއްވެސް މީހަކު ބަންދުން ދޫކޮށެއް ނުލެވޭނެ،" މަނިކު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނަށް ގުޅައިގެން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.