ކޮވިޑް 19 އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދޮގުވާހަކަތައް ފަތުރާތީ ޑޮކްޓަރުންގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޮން ޕްރޮފިޓް ގްރޫޕެއްކަމަށްވާ އަވާޒްއިން ނެރުނު ރިޕޯޓެއްގައި ބުނީ ކޮވިޑް ފެތުރެން ފެށި ފަހުން މިދިޔަ އޭޕްރީލް މަހުގައި އެކަނިވެސް ފޭސްބުކްގައި ކޮވިޑާ ގުޅޭގޮތުން ފަތުރާފައިވާ ދޮގު ވާހަކަތަކަށް 450 މިލިއަން ވިއުޒް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓް ލިޔުމުގައި އިސްކޮށް އުޅުއްވި ދެ ޑޮކްޓަރުންކަމަށްވާ ސީމާ ޔާސްމިން އަދި ކްރެއިގް ސެޕެންސާ ސީއެންއެންއަށް ވިދާޅުވީ ކޮވިޑާ ގުޅޭ ގޮތުން ދޮގު ހަބަރުތައް ފަތުރާތީ، މިހާރު އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ވަރަށް ކަންތައްތައް އޮޅިފައިވާ ކަމަށެވެ. އަދި އެކަމާމެދު ހަދާނެ ގޮތެއް ނޭނގިފައިވާކަމަށް ދެ ޑޮކްޓަރުން ވިދާޅުވި އެވެ.

"ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވަނީ އެހެން އެއްޗެއް. ސައިންޓިސްޓުން ވިދާޅުވަނީ އެހެން އެއްޗެއް،" ސީމާ ވިދާޅުވި އެވެ.

ކްރެއިގް ވިދާޅުވީ ދޮގު ވާހަކަތަކުގެ ސަބަބުން މިހާރު ޑޮކްޓަރުންނަށް އިތުބާރުކުުން މަދުވެފައިވާ ކަމަށާއި އަދި އެފަދަ މީހުން ގަބޫލު ކުރަނީ ފޭސްބުކްއިން ފެންނަ ޕޯސްޓްތަކުގައި ހުންނަ ވާހަކަތައް ކަމަށެވެ.

އަވާޒްގެ ތުހުމަތުތަކާ ގުޅޭގޮތުން ފޭސްބުކްއިން ބުނީ ދޮގު ވާހަކަތައް ފެތުރުން ހުއްޓުވަން ފޭސްބުކްއިން އެތަކެއް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އަވާޒްއިން އެކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ފޭސްބުކްއިން ބުނީ މިދިޔަ އޭޕްރީލްއިން ޖޫން މަހާ ދެމެދު ކޮވިޑާ ގުޅޭ ދޮގުމައުލާމާތު ހިމެނޭ 98 މިލިއަން ޕޯސްޓްތަކެއްގައި "ވޯނިން ލޭބަލް" ތައް ޖަހާފައިވާ ކަމަށާއި އަދި 7 މިލިއަން އެފަދަ ޕޯސްޓްތައް ނަގާފައިވާ ކަމަށެވެ.

ކޮވިޑާ ގުޅޭގޮތުން ދައްކާފައިވާ ދޮގުވާހަކަތަކުގެ ތެރޭގައި އެކި ކަހަލަ ކޮންސްޕިރަސީ ތިއަރީތަކާއި އަދި ތޯތޯ ވާހަކަތައް ހިމެނެ އެވެ. -- ސީއެންއެން