02 Sep 2020, 20:28
ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާއާ އެކު ޕީއެސްޖީގެ އިތުރު ދެ ކުޅުންތެރިއަކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެކުލަބުން ހާމަކޮށްފި އެވެ.
ޕީއެސްޖީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެކުލަބުގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިހާރު އެކުޅުންތެރިންތައް އައިސޮލޭޓްވާން އަންގާފައިވާ ކަމަށެވެ. އަދި އެކުޅުންތެރިންގެ އިތުރު ޓެސްޓްތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހެދިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ޕީއެސްޖީގެ ޓްވީޓުގައި ޕޮޒިޓިވްވީ ކޮން ކުޅުންތެރިންތަކެއް ކަން ހާމަކޮށްފައި ނުވާ އިރު، ފްރާންސްގެ މީޑިއާ ތަކުން ވަނީ އެކުޅުންތެރިންގެ ނަންތައް ހާމަކޮށްފަ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ތިން ކުޅުންތެރިންނަނީ، ނޭމާއާއި އާޖެންޓީނާގެ މިޑްފީލަޑްރު އަންހެލް ޑި މާރިއާ އަދި ލިއަންޑްރޯ ޕްރޭޑެސް އެވެ.
ކޮވިޑްގެ ސަބަބުން ސީޒަނުގެ މެދަކާ ހަމައިން ކުރީ ސީޒަން ފްރާންސުން ކެންސަލް ކުރި އިރު ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ދީފަ އެވެ. އަދި އެހެންމެ އައު ސީޒަނުގެ ކުޅުން މިހާރު ފްރާންސުގައި ފަށާފައިވާ އިރު ޗެމްޕިއަންސް ލީގުގެ ވަރުބަލިކަން އޮތުމާ އެކު ޕީއެސްޖީއަށް ވަނީ އެ ޓީމު ކުޅެން އޮތް ފުރަތަމަ މެޗު ފަސްކޮށްދީފަ އެވެ.
ޕީއެސްޖީގެ ފުރަތަމަ މެޗު ފަސްކުރިއިރު، މީގެ ކުރިން ފްރެންޗް ލީގު ހުޅުވާ މެޗުގައި މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އެ މެޗު ފަސްކުރީ މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކުއެވެ. އެލްއެފްޕީން މީގެ ކުރިން ވަނީ ކޮވިޑް-19 ގެ ކޮމިޓީއެއް އުފައްދާ، ލީގު ތާވަލަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.