ރާއްޖެއިން ޗައިނާއަށް ފުރާ އެގައުމުގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ މީހުންވެސް ދެން އެގައުމަށް ފުރޭނީ ގިނަވެގެން ތިން ދުވަސް ކުރިން ކޮވިޑްގެ ނަތީޖާ ލިބި ނެގެޓްވެފައިވާނަމަކަމަށް ޗައިނާއިން ބުނެފިއެވެ.

މީގެ ކުރިން ޗައިނާއަށް ފުރާއިރު ކޮވިޑް ޓެސްޓް ހަދަން ޖެހެނީ ފަސް ދުވަސް ކުރިންނެވެ.

"މިސާލަކަށް މިމަހުގެ ހަތްވަނަ ދުވަހު ކޮވިޑަށް ސާމްޕަލް ނަގައިފައި، އޭގެ ނަތީޖާ އަށް ވަނަ ދުވަހު ލިބިއްޖެނަމަ، އެންމެ ލަސްވެގެންވެސް މިމަހުގެ 11 ވަނަ ދުވަހު ފުރަން ޖެހޭނެ" ޗައިނާގެ އެމްބަސީގެ އިއުލާންގައި ވެއެވެ.

ރާއްޖޭގަިއ ހުންނަ ޗައިނާގެ އެމްބަސީން މިއަދު ނެރުނު އިއުލާންގައި ބުނީ އެގޮތަށް ތިން ދުވަސް ކުރިން ނަތީޖާ ލިބެން ޖެހޭނީ މިމަހުގެ 11 އިގެ ފަހުން ފުރާނަމަ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކޮވިޑްގެ މިހާރުގެ ހާލަތަށް ބަލައިފައި ކަމަށްވެސް އެމްބަސީން ބުންޏެވެ.

އާންމުގޮތެއްގައި ރާއްޖޭގައި ކޮވިޑު ހުރިތޯ ބަލަން ކުރަނީ ޕީސީއާރު ޓެސްޓެކެވެ. ނަމަވެސް ޗައިނާއަށް ދާނަމަ ހަދަން ޖެހެނީ ނިއުކުލިކް ޓެސްޓެކެވެ.

އެގޮތަށް ޓެސްޓްކޮށް ނެގެޓިވްވުމުން ދޭ ލިޔުން ބަލައިގަންނާނީ އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޓެސްޓް ހަދައިފައިވާނަމައެވެ. އަދި ކޮވިޑަށް ނެގެޓިވްވިކަން ކަށަވަރުކުރުމަށް ފްލައިޓަށް އެރުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ފޯމަށް އެޕްލައިކުރަން ޖެހޭނެކަމަށްވެސް ބުންޏެވެ.