ކޮވިޑް19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށްދޭ ފްރަންޓް ލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފްރޮންޓް ލައިން އެލަވެންސް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީގައިި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ ފްރޮންޓް ލައިން އެލަވެންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. މިހާތަނަށް ހުއްދަ ދީފައިވާ ފައިސާގެ ތެރެއިން 300،000 ރުފިޔާ އަދި ނުދެވި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހުއެވެ.

ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ދުވަސްކަމަށްވާ މާޗު ހަތަކުން ފެށިގެން ކޮވިޑްގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި އެލަވެންސް ދޭން ސަރުކާރުން ނިންމިއެވެ. މިހާތަނަށް އެލަވެންސް ދީފައިވަނީ މާޗު ހަތަކުން ޖުލައި 15ގެ ނިޔަލަށް މި މަސައްކަތުގައި އުޅުނު 2،948 މީހަކަށެވެ

ތިން ކެޓަގަރީ އަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުަވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.

"މާޗު ހަތަކުން ފެށިގެން ފްރަންޓް ލައިން އެލަވެންސް އެބަ ދެން. އެކަމަކު ޕޭ މި ކުރެވުނީ ޖުލައި މަސްތެރޭ. އޭގެ ފަހުން އޮގަސްޓު މަހުވެސް ޕޭކޮށްފައި ވާނީ،" ސަރުވަޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފައިސާ ނުދީވާ މީހުންނަކީ އެލަވެންސް ދިނުމަށް އެޕްރޫވްކުރެވި ނަމަވެސް ބައެއް މައުލޫމާތު ޔަގީން ނުކުރެވި ވާ މީހުން ކަމަށެވެ.

"ތިން ލައްކަ ރުފިޔާ އެބަހުރި އަދި ޕޭ ނުކުރެވި. އެއީ އެކައުންޓް ނަންބަރު ވެރިފައި ކުރުމުގެ ބޭނުމުގައި. ވެރިފައި ކޮށްފައި ޕޭ ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ. އެއީ އެންމެ ފަހުންވެސް އަޅުގަނޑުމެންނަށް ދިމާވި މައްސަލަތަކެއް،" ސަރުވަޝް ވިދާޅުވިއެވެ.

މައުލޫމާތު ޔަގީން ކުރުމުގެ މަސައްކަތް ކުރުމަށް މިހާތަނަށް ފައިސާ ނުދެވި ވަނީ 41 މީހަކަށެވެ.

"މައިގަނޑު ގޮތެއްގައި މާޗު ހަތަކުން ޖުލައި 15 އަށް ހުރި އެލަވެންސްތައް މިހާރު ވަނީ ޕޭ ކުރެވިފައި. ޕޭ ނުކުރެވޭ މައިގަނޑު އިންސްޓިޓިއުޝަންތަކަކީ އެމްއެންޑީއެފް އާއި ޕޮލިސް،" ސަރުވަޝް ވިދާޅުވިއެވެ.

އެ ދެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުން ލަސްވެފައިވަނީ ދެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމުގެ އުސޫލާ ގުޅޭގޮތުން ބައެއް ކަންތައްތައް ނިންމަން ޖެހޭތީއެވެ.

"ބައެއް ކްލެރިފިކޭޝަން އެބޭފުޅުން ރިކުއެސްޓް ކޮށްގެން ގެންނަން ޖެހޭތީވެ، އެކަމުގެ ނެގޮސިއޭޝަން ކުރިއަށް މިދަނީ،" ސަރުވަޝް ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފްއިން އެކުލަވާލާފައިވާ އުސޫލު ކޮންސިލެޑޭޓުކޮށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި އުސޫލަށް ރައީސް އޮފީހުގެ އެޕްރޫވަލް ލިބުނުހާ އަވަހަކަށް ފުލުހުންނާއި އެމްއެންޑީއެފްއަށްވެސް އެލަވެންސް ދޭން ފެށޭނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

މިހާރު ހުރި މައުލޫމާތަށް ބަލާއިރު އެމްއެންޑީއެފްގެ 3،246 ފަރާތަކަށް އަދު 3،017 ފުލުހަކަށް އެލަވެންސްގެ ގޮތުގައި 80 މިލިއަން ރުފިޔާ ދޭނެއެެވެ.