13 Jan 2012, 19:21
ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ރޭ މެންދަމުން ފެށިގެން ދޫނިދޫ ތަހުގީގު ޖަލުގައި ބަހައްޓާފައިވާ އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ދާދި ދެންމެއަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އަހަންމައިދީ ދޫކޮށްލީ ތަހުގީގަށް މައުލޫމާތު ހޯދުމަށް ފަހުގައި ކަމަށެވެ.
ކުރީގެ ސަރުކާރުގެ ދުވަސްވަރު ވެސް ޖަލުގައި ދުވަސްތައް ހޭދަކުރެއްވެވި ފުލުހުން އަހަންމައިދީ ދޫކޮށްލޯ ދެ ގަޑިއިރުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހަވީރު އަމުރުކޮށްފައި ވަނިކޮށެވެ. ކޯޓުން އަމުރު ކުރީ މިއަދު ހަވީރު 5:20 އިން ފެށިގެން ދެ ގަޑިއިރުގެ ތެރޭގައި އަހަންމައިދީ ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ.
މި އަމުރު ނެރުނީ އަހަންމައިދީ ފުލުހުން ބަންދުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް އޭނާގެ ވަކީލު މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައަށް ނަޒަރުކޮށެވެ. އަހަންމައިދީގެ ވަކީލު އަބްދުﷲ ސައީދު މިއަދު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ސަރުކާރުން އަހަންމައިދީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށެވެ.
ސަރުކާރުގެ ތަހުގީގު ޖަލުގައި ބެހެއްޓުމަށްފަހު ފުލުހުން އަހަންމައިދީ މިނިވަން ކުރީ ހައްގުތަކަށް އަރައި ނުގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ނޫސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.